ޕްރޮޑިއުސަރު އަދި މެޑޮކް ފިލްމްސްގެ ވެރިޔާ ދިނޭޝް ވިޖަން އާއި ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރު ގެނެސްދިނުމަށް ހަމަޖެހިފައިވާ ހަނގުރާމައިގެ ވަރުގަދަ ޝަހުސިއްޔަތެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިކީ ކޯޝަލަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕީޕިން މޫން އިން ބުނީ ވިކީއަށް ހުށަހަޅާފައިވާ ފިލްމަކީ ބޮޑު ބަޖެޓަކުން ހެދުމަށް ނިންމާފައިވާ ފިލްމެކެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ވަރުން ދަވަންގެ "ބޭޅިޔާ"ގެ ޕްރޮޑިއުޝަރު ދިނޭޝް ވިޖަން މިފިލްމު ޕްރޮޑިއުސްކުރުމަށް ނިންމާފައިވާއިރު، މިފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ 2019 ގެ "ލުކާ ޗުއްޕީ" އާއި މިދިޔަ އަހަރުގެ "މިމީ" ގެނެސްދިން ޑައިރެޖްޓަރު ލަކްޝްމަން އުޓޭކަރް އެވެ.

ޕީޕިން މޫން އިން ބުނި ގޮތުގައި ވިކީ އަށް ހުށަހެޅި ވޮރިއާގެ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ފިލްމު ރަސްމީކޮށް އިއުލާންކުރަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އެކަމަކު ފިލްމުގެ ޓީމްގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި އޭގެ ޝޫޓިން ފެށުން ކަމަށް ބުންޏެވެ. އަދި މިހާތަނަށް އައިރު މިފިލުމަށް ކިޔާނެ ނަމެއް ހާމަކޮށްފައިނުވެ އެވެ.

ފާހަގޮށްލެވޭ ކަމަކީ ލަކްޝްމަންގެ އެހެން ފިލްމެއްގެ މަސައްކަތް ވިކީ އާއި ސާރާ އަލީ ޚާން މި އަހަރުގެ ކުރީކޮޅު ނިންމާލާފަ އެވެ.

އެކަމަކު އަދި އެ ފިލްމުގެ ނަމާއި އެ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ 34 އަހަރުގެ އެކްޓަރު ވިކީގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 16 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ "ގޯވިންދާ ނާމް މޭރާ" އެވެ. ވިކީގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި "ދި އިމޯޓަލް އޮފް އަޝްވަތައްތާ" އަދި "ސޭމް ބަހާދޫރް" ހިމެނެ އެވެ.