ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވީ "ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައި އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި، ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ވަނީ އަރިސްކުރައްވާފައެވެ. "ސާކް ޗާޓާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވީ، ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް ޢަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށާއި، ސާކް ޗާޓާގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސްގެ މިމެސެޖުގައި ވަނީ، ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ސަގާފީ ގުުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ގައުމުތަކުގެ އެކުގައި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.