މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް އާދީއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

އަދި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައީސް ސޯލިހު ބައިވެރިވުމަށް ނިންމާފައިވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

މިއަހަރު ރާއްޖޭގައި ފާހަގަ ކުރާނީ 42 ވަނަ މަސްވެރިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

މަސްވެރިންގެ ދުވަހުގެ ހަރަކާތުގައި ބައިވެރިވުމަށް ފަހު އަންނަ ހަފްތާގެ ހޯމަ ދުވަހު މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.