ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ގދ. ފަރެސް މާތޮޑާގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި މިއަހަރު ފާހަގަކުރާ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަރެސްމާތޮޑާގައި ކުރިޔަށްދާ އެކިއެކި ޙަރަކާތްތައް ބައްލަވައިލައްވާނެ އެވެ.

މިގޮތުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއް ވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ސޯލިހު ގދ. ފަރެސް މާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މަސްވެރިންނާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މީގެ އިތުރުން ރައީސް ވަނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ވެސް ހަމަޖެހިފަ އެެވެ. އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.