ހުވަދުއަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދާދިއަވަހަށް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މަސްވެރި އަތޮޅުގެ މަސްވެރިންނަށް އެމަނިކުފާނު މި ޔަގީންކަން ދެއްވީ، ދިވެހިރާއްޖޭގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، ގދ. ފަރެސް މާތޮޑާގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސްގެ ވާހަކަފުޅުގައި، މިއަދު ހަވީރު، ފަރެސް މާތޮޑާ އާއި އަދި ހުވަދު އަތޮޅުގެ މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި މަސްވެރިން ފާހަގަކުރެއްވި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން މަސްކިރުވުމަށް ހުރި ދަތިތަކާއި، މަސްވެރިން މަސްކިރުވުމަށް ދުރު ދަތުރު ކުރަން ޖެހުމުން ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި، ތެޔޮލިބުމަށް ހުރި ދަތިތައް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިންނަށް ދިމާވެފައިވާ އެ ދަތިތައް ދާދި އަވަހަށް ހައްލުކުރެވިގެންދާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އަންނަ އަހަރު ރާއްޖެ ގެނެވޭ ހަތަރު ބޯޓުގެ ތެރެއިން 270 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ އާއި 120 ޓަނުގެ ބްރައިން ފްރީޒިން ކެޕޭސިޓީގެ ބޯޓު ހުވަދު އަތޮޅު ފަރުބިތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިންނަށް ތެޔޮ ލިބުމުގެ ދަތިކަން ހައްލު ކުރުމަށް، އެސްޓީއޯ މެދުވެރިކޮށް ފިއުލް ސަޕްލައި އިން، މަސްވެރިންނަށް ހެޔޮ އަގުގައި އަދި ކްރެޑިޓަށް ވެސް ތެޔޮލިބޭނެ މަގު ދާދި އަވަހަށް ހަމަޖައްސައި ދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް، ކޫއްޑޫގެ ކެޕޭސިޓީ ބޮޑު ކުރުމާއި ތިނަދޫގައި ގާއިމުކުރާ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖް ގާއިމު ކުރުމުގެ މަސައްކަތާއި ގުޅޭ މައުލޫމާތު ވެސް ހާމަކުރައްވާފަ އެވެ. މީގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ މަތިކުރުމާއި، ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

މި ޖަލްސާގައި އެންމެ ޒުވާން ކެޔޮޅަށާއި، އެންމެ ގިނައިން މަސްކިރުވި ތިން ދޯންޏަށާއި، އެންމެ ގިނައިން މަސް ގަތް ކުންފުނިތަކަށާއި، މަސްވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، ކޭމްބްރިޖް އޯލެވެލް އިމްތިހާނުގައި މެރިން ސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމް ހަވާލުކޮށްދެއްވީ ރައީސް ސޯލިހެވެ.

މިޖަލްސާގައި ވަނީ، މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ފަރާތްތަކުގެ ތެރެއިން، ކުރީގެ ފިޝަރީޒް މިނިސްޓަރު ހ. މީނާޒް، އަލްމަރްހޫމާ ޑރ. ފާތިން ހަމީދަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފަ އެވެ.