އޭޑީކޭ ހޮސްޕިޓަލުން ދޭ ޚިދްމަތްތަކުގެ އަގު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރަން ނިންމައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިންގުމުގެ ހަރަދު ބޮޑުވުމާ ގުޅިގެން ހޮސްޕިޓަލްގެ ބައެއް ހިދުމަތްތަކުން އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އަގު ބޮޑު ކުރުމަށް ހަމަޖެހިފައިވަނީ މަރުހަލާ ތަކަކަށް ބަހާލައިގެން ކަމަށެވެ.

"2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނީ ބޮޑުވެފަ އެވެ،" އެ އިއުލާނުގައިވެ އެވެ.

"އެގޮތުން، އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދުތައް ވެސް އެތައް ގުނައަކުން ބޮޑުވެގެން ދިއުމާ އެކު، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކުގެ އަގުތައް 15 ޑިސެމްބަރު 2022 އިން ފެށިގެން ބޮޑު ކުރުމަށް ވަނީ ނިންމާފަ އެވެ."އޭޑީކޭއިން ނެރުނު އިއުލާނުގައިވެ އެވެ.

އޭޑީކޭ އަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ އަހުމަދު ނާޝިދުގެ އާއިލީ ވިޔަފާރިއެކެވެ. އޭނާއަކީ ރިސޯޓުތައް ވެސް ހިންގާ އަދި މީޑިއާނެޓުގެ ވެސް ހިއްސާދާރެކެވެ.

އޭޑީކޭ ހޮސްޕިޓަލުން ޚިދުމަތުގެ އަގު ބޮޑުކުރުމާގުޅޭ މައުލޫމާތު ހޮސްޕިޓަލްގެ ކައުންޓަރުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.