ސައުތުގެ އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރާމް ޗަރަން އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

މި އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ ލިޑް އެކްޓަރު ރާމް ޗަރަން އާއި އޭނާ އަންހުން އުޕަސާނާ ކަމުނޭނީ ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ.

އުމުރުން 37 އަހަރުގެ ޗަރަން އާއި އުމުރުން 33 އަހަރުގެ އުޕަސާނާ އަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާނުކޮށްފައި ވަނީ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުންނެވެ.

ޗަރަން އަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާނުކޮށްފައި މިވަނީ އެމީހުންގެ ކައިވެންޏަށް 10 އަހަރު ފަހުންނެވެ.

ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ އެކީ 2013 ގެ "ޒަންޖީރު" ވެސް ކުޅުނު ޗަރަން އަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީގެ ދަރިއެކެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ އަދި ދެކުނު އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޗަރަން މިހާރު އަންނަނީ "އިންޑިއަން" އާއި "ރޮބޮޓް" އަދި އޭގެ ސީކްއެލް "2.0" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ޝަންކަރްގެ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ބަތަލާ އަކީ ބޮލީވުޑްގެ ކިއާރާ އަދުވާނީ އެވެ.

އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރާ ސަލްމާން ޚާންގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ހާއްސަ ފެނިލުމަކުން ވެސް ޗަރަން ފެންނާނެ އެވެ. އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "އާރްއާރްއާރް" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ 2009 ގެ "މަގަދީރާ" ހިމެނެ އެވެ.