އޭޑީކޭ ހޮސްޕިޓަލުން ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމުމާ ގުޅިގެން ސްޕަޝަލިސްޓް ޑޮކަޓަރަކަށް ދެން ދެއްކޭނީ 400ރ. އަތުން ދައްކައިގެންކަން ހާމަވެއްޖެ އެވެ.

ދެވަނަ ޓާމުގެ ސްކޫލް ބަންދު ދުވަސްވަރާ ދިމާކޮށް، މާދަމާއިން ފެށިގެން ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާއިރު ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކަން 700ރ. ނަގަންވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކޭނީ އަތުން 400ރ. ދައްކައިގެންނެވެ. އަދި އާސަންދައިން ކަވަރ ކުރާނީ 300ރ. އެވެ.

އޭޑީކޭއިން ބައެއް ހިދުމަތްތަކުން ނަގާ އަގުތަކަށް ގެންނަ ބަދަލު ތަކުގެ ތެރޭގައި:

  • ސުޕަ ސްޕެޝަލިސްޓަކަށް - ޖުމްލަ 700ރ. (ކުރިން 500ރ.)
  • ސްޕެޝަލިސްޓަކަށް - ޖުމްލަ 500ރ. (ކުރިން 300ރ.)
  • ޖެނެރަލް ކޮންސަލްޓޭޝަން - ޖުމްލަ 200ރ. (ކުރިން 150ރ.)
  • ޑެންޓަލް - ޖުމްލަ 350ރ. (ކުރިން 300ރ.)
  • ދަންވަރު ޑޮކްޓަރަށް ދެއްކޭ އަގު - ޖުމްލަ 300ރ. (150ރ.) ހިމެނެ އެވެ.

މީގެ އިތުރުން ޓެސްޓްތަކާއި އެނދުމަތިކޮށްގެން ދެވޭ ފަރުވާގެ ހިދުމަތްތަކުން ވެސް އަގު ބޮޑު ކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ހިދުމަތްތަކުން އަގު މަތި ކުރާ މިންވަރެއް އަދި ސާފެއް ނޫނެވެ.

އެ ހޮސްޕިޓަލުން ބުނީ އަގު ބޮޑު ކުރަނީ ހިންގުމުގެ ހަރަދު ބޮޑު ކަމުން ކަމަށެވެ. ހިދުމަތްތަކުގެ އަގު ބޮޑުކުރާއިރު، އާސަންދައިން ކަވަރުކޮށްދޭ އަދަދަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެހެންކަމުން، އަގުތަކުން ބޮޑުކުރާ ބައި ހަރަދުވާނީ ޑޮކްޓަރަށް ދައްކާ މީހާގެ އަތުންނެވެ.

އޭޑީކޭއިން ނެރުނު ބަޔާނުގައި، 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާ ކަމަށެވެ.