މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާގެ ދަރިފުޅުގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް އާންމުކޮށްފި އެވެ.

ޓިކްޓޮކްގައި އާންމުކޮށްފައިވާ 45 ސިކުންތުގެ މި ވީޑިއޯއިން ފެންނަނީ ކެމެރާ އަށް އެ ކުއްޖާ ހީލައިގެން އޮންނަތަނެވެ. އަދި ރިއާނާ ވީޑިއޯ ނަގަމުން ދަނިކޮށް ފޯނު އަތުލަން އުޅޭތަން ވެސް ފެނެ އެވެ.

ގިނަ ބަޔަކު ވަނީ އެ ވީޑިއޯ އަށް ކޮމެންޓުކޮށް، އެ ކުއްޖާ ވައްތަރީ ރިއާނާއާ ކަމަށް ބުނެފަ އެވެ.

34 އަހަރުގެ ރިއާނާ އާއި އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ އަށް އަލަތު ދަރިފުޅު ލިބުނީ މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.

މި ދޭތެރެއިން ޓްވިޓާގައި އުޅޭ މީހަކު ވަނީ ރިއާނާ އާއި އޭސެޕް ރޮކީ އެ މީހުންގެ ދަރިފުޅާ އެކު މަލިބޫ ބީޗުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.

ބާބެޑޯސް އަށް އުފަން ރިއާނާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިހާރު ނުފޫޒު ގަދަ ވިޔަފާވެރިއެކެވެ. އޭނާގެ ވިޔަފާރި ބްރޭންޑަކީ "ފެންޓީ" އެވެ. ރިއާނާގެ މިލްކިއްޔާތު 600 މިލިއަން ޑޮލަރަށް އަރަ އެވެ.