"ފެލާލައިފި" ނަމުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ވަރުގަދަ ޖަލްސާއެއް މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވައިފި އެވެ. އާންމު ގޮތެއްގައި މީހުން ވާހަކަދައްކައި އުޅޭ ބަހުރުވައަށް ވުރެ ދަށު ދަރަޖައިގެ ބަހެއްގެ ގޮތުގައި ބެލެވޭ "ފެލާލައިފި" މި ނަން ޕީޕީއެމް ފަދަ ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގެ ތީމަކަށް ނަގަން ރަނގަޅުތޯ ސުވާލު ކޮށްފި ނަމަ އޭގެ ޖަވާބު އެކި މީހުން އެކި ގޮތްގޮތަށް ދީފާނެ އެވެ. އެ ޖަވާބު ކޮންމެ ގޮތަކަށް އައި ކަމުގައިވިޔަސް ޕީޕީއެމުން މިވަނީ އެ ނަމުގައި ވަރުގަދަ ޖަލްސާއެއް ބާއްވައިފަ އެވެ.

"ފެލާލައިފި" ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެމަނިކުފާނު ސިފަކުރެއްވެވީ އިންޑިއާގެ ނުފޫޒުގައި ދިވެހި ސަރުކާރު ތާށިވެފައިވާ ކަމުގަ އެވެ.

"މިހާރު ޔޫރަޕަކަށް ނުދެވޭ ދެކުނަކަށް ނުދެވޭ. އިރުމައްޗަކަށް ނުދެވޭ. ހަމަ އެކަނި އުތުރަށް ދެވެނީ،" ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންޑިޔާއިން ކޮންޓްރޯލް ކުރާކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން "ފެލައިލައިފި" ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

ވެރިކަން ކުރާ އެމްޑިޕީގެ އިސްވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ އަވަށްޓެރި މުސްލިމް ގައުމެއް ކަމަށްވާ ޕާކިސްތާނުގެ ވެރިކަމަށް އިމްރާން ޚާން ހޮވިވަޑައިގެން، ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ދަނޑިވަޅުގަ އެވެ.

"ނަޔާ ޕާކިސްތާން" ނުވަތަ ނިއު ޕާކިސްތާނުގެ ސްލޯގަންގެ ދަށުން އިމްރާން ޚާންގެ އާ އުންމީދުތަކާ އެކު ޕާކިސްތާނުގެ ވެރިކަމުގެ ކަންތައް ކޮރަޕްޝަނާ ދުރު ޒަމާނީ ބަދަލުތަކެއް ގަނެސް ހިންގުމުގެ ޖޯޝުގައި އިމްރާން ޚާންގެ ވެރިކަން ފެށިގެން އައި ވަގުތެވެ.

ދިވެހި ރާއްޖޭގެ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޕާކިސްތާނުގެ އުންމީދީ ރައީސް އިމްރާން ޚާނަށް ދައުވަތު ވެސް އެރުވުނެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިމްރާން ޚާން ވަރަށް ޝައުގުވެރިކަން ވެސް ފާޅު ކުރެއްވި އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް ވާގިވެރިވި ކަމަށް އިދިކޮޅު ޕީޕީއެމް އިން ތުހުމަތުކުރާ އިންޑިއާ އިން އެކަމާ ހިތްހަމަ ނުޖެހި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމިއްޔާތަށް ވަޑައިނުގެންފާނެކަމުގެ އިޝާރާތް ކުރި އެވެ.

އޭރު އިންޑިއާގެ ނޫސްތަކުގައި ލިޔެފައި އޮތީ އިބްރާހިމް މުހައްމަދު ސޯލިހު ހުވައިކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވާނެ ސަބަބަކީ އެ ރަސްމިއްޔާތުގައި ބައިވެރިވާ އެހެން ގައުމެއްގެ ވެރިއަކަށް މޯދީއަށް ވުރެ ބޮޑު ސަމާލުކަމެއް ލިބި ދާނެތީ ކަމަށެވެ.

އިންޑިއާގެ މި ނުރުހުމާ އެކު ޕާކިސްތާނުގެ ރައީސަށް ދެވުނު ދައުވަތު ކެންސަލްވެ، ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީއަށް ވުރެ އިސް ބޭފުޅަކު ނުހުންނަވާނެކަމުގެ ޔަގީންކަން އިންޑިއާއަށް ދިނެވެ. އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހި ސަރުކާރަށް އިންޑިޔާ ނުރުހޭ ކަމެއް ކުރުމުގެ ގާބިލު ކަމެއް ނެތެވެ. ސަރުކާރުގެ ބަހަކީ ރާއްޖެއަށް ކޮންމެ ކަމެއްގައި އެހީވާ ގައުމަކީ އިންޑިއާ ކަމުގަ އެވެ. ރައީސް ޔާމީން އެ ވިދާޅުވާ ދިވެހި ރާއްޖޭގެ "ކަސްބީ ޚާރިޖީ ސިޔާސަތަ"ކީ އެއީ އެވެ. އެއަށް ޚާރިޖީ ސިޔާސަތު "ފެލާލައިފި" އޭ ނުކިޔޭނެ ހެއްޔެވެ؟

"ފެލާލައިފި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ފާހަގަކުރެއްވި ދެވަނަ ނުކުތާއަކީ ރާއްޖޭގެ ބަޖެޓުގެ ވާހަކަ އެވެ. އެގޮތުން ފާއިތުވެ ދިޔަ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމުގައި ލިޔެފައި އޮތް ނަމަވެސް، ލިބުނީ އެންމެ 320 މިލިޔަން ރުފިޔާ ކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވާހަކަފުޅު ބިނާކުރެއްވީ އިންޑިއާ އިން ނުރުހޭ ބައެއްގެ އަތުން ލޯ ލާރިއެއް ވެސް ދިވެހިންނަށް ހޯދެން ވެސް ނެތްކަން ދޭހަ ވާފަދަ މޭރުމަކުންނެވެ. ބޭރުގެ އެހީ އާއި ދަރަންޏާއި ޚަރަދުގެ ވާހަކަ ދެކެވޭ އިރު އެކަން ކަން އެންމެ ސާފުކޮށް ފެންނާން އޮންނާނީ ދައުލަތުގެ ބަޖެޓުންނެވެ.

ފާއިތުވެ ދިޔަ އަހަރު ދައުލަތުން ހުށަހެޅި ބަޖެޓަށް ފައިސާ ހޯދަން ތާވަލުކުރި ގިނަ ކަންކަމުން ބޭނުންވި މިންވަރަށް ފައިސާ ލިބިފައެއް ނުވެ އެވެ. ޚާއްސަކޮށް ރައީސް ޔާމީނުގެ "ފެލާލައިފި" ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވި ބޭރުގެ އެހީގެ ގޮތުގައި ލިބޭނެ ކަމުގައި ބަޖެޓުގައި ހިމެނި ފައިސާއިން ލިބިފައި ވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެހެންކަމުން އަހަރު ނިމެން ކައިރިވިއިރު ސަރުކާރަށް އޮތީ ބަޖެޓް ދެކޮޅު ޖެއްސޭނެ އެއްވެސް އަލި މަގެއް ނުފެނިފަ އެވެ.

އެމްއެމްއޭ އިން ޗާޕުކުރަން ނުޖެހޭ މިންވަރަށް ފައިސާ ނެގުމުގެ ސަބަބުން ރާއްޖޭގެ ރިޒާވް އޮތީ ހުސްވުމާ ކައިރިވެފަ އެވެ.

"ބޭނުން ވަރަކަށް ފައިސާ ޗާޕް ކުރުމުގެ ހުއްދަ" ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިނުމުގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިންފްލޭޝަން ވަނީ އެތައް ގުނައަކަށް އުފުލިފަ އެވެ. ބަޖެޓުގައި ހިމަނާފައި ހުރި ޚަރަދުތައް ކުރުމަށް ފައިސާ ހޯދުމަށްޓަކައި އެކި ނަންނަމުގައި ކުރެވޭ ޖޫރިމާނާތަކާއި ނުސީދާ ޓެކްސްތައް އިންތިހާއަށް އިތުރުކުރި އެވެ. އެހެން ނަމަވެސް ލަފާކުރި ބަޖެޓަށް ބޭނުންވާ މިންވަރާ ގާތަށް ވެސް ފައިސާ ނުލިބުމުން ދެން ޖެހުނީ އިންޑިއާގެ "އެހީ"ގެ ނަމުގައި ބޮޑު ލޯނެއް ނަގައިގެން އަހަރުގެ ބާކީ އޮތް ބަޔަށް ބޭނުންވާ ފައިސާ ހޯދާށެވެ. ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ދައުލަތުގެ ބޮންޑެއް ވިއްކައިގެން ބޮޑު އިންޓްރެސްޓާ އެކު 100 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގައިފަ އެވެ.

ހިނގަމުންދާ އަހަރުގެ ބަޖެޓު ހަމަޖެއްސުމަށްޓަކައި ތަފާތު ޓެކްސްތައް އިތުރުކޮށް ލޯނު ނަގަމުން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ވަނީ ރެކޯޑު މިންވަރެއްގެ ބަޖެޓެއް ހުށަހަޅައި، އެ ބަޖެޓަށް މަޖިލީހުން ބޮޑު ބައެއް އިތުރުކޮށް ފާސްކޮށްފަ އެވެ.

ރިޔާސީ އިންތިޚާބަށް ނުކުންނަން ތައްޔާރުވުމަށް ހުށަހެޅި ރެކޯޑް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށާއި ކުރީ އަހަރުގެ ބަޖެޓް ހަމަޖެއްސުމަށް އިންޑިއާ އިން ދަރަންޏަށް ނެގި ފައިސާ އިންޓްރެސްޓާ އެކު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޔިތުންގެ އަތުން ނަގާ ޖީއެސްޓީގެ މިންވަރު ވަނީ ބޮޑު ކޮށްފަ އެވެ. ގެސްޓު ހައުސްތަކާއި ރިސޯޓުތަކުން އާދޭސް ކޮށްކޮށް އޮއްވައި، ޓޫރިސްޓުންގެ އަތުން ނަގާ ޓީޖީއެސްޓީ ވެސް ވަނީ ބޮޑު ކޮށްފަ އެވެ.

ޕީޕީއެމުން އެބުނާ ފެލާލުމަކީ މި ބާވަތުގެ ކަންކަމުން ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފުގެ ވާހަކަ ކަމުގައި ވެދާނެ އެވެ ރައީސް ޔާމީން އެ ވިދާޅުވާ ފެލާލުން އިންޑިއާ އާ ގުޅުވަން ޖެހޭ ސަބަބަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ. ކޮންމެ ގޮތަކަށް އެކަން އޮތްކަމުގައި ވިޔަސް ފެންނަން އޮތް ހަގީގަތާއި ޕީޕީއެމްގެ ޖަލްސާގައި ދެކެވުނު ވާހަކަތައް ދިމާވާ ކަމެވެ. ސުވާލަކީ "ފެލާލައިފި" އޭ ކިޔަން ހެޔޮ ވާނެ ހެއްޔެވެ؟