ވެރިކަމުގެ މި ދައުރުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގެންނެވުމާއެކު ރައްޔިތުންނާ ހިސާބަށް ދިއުމުގެ ކުރިން މެނިފެސްޓޯއެއް އެކުލަވާލެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ކެންޑިޑޭޓަށް ވުމާއެކު ތައްޔާރު ކުރި މެނިފެސްޓޯ އެކުލަވާލާފާއި ވަނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މަޝްވަރާގެ މަތިން އެކުލަވާލި މެނިފެސްޓޯއެއް ކަމަށެވެ. އަދި އެ މެނިފެސްޓޯގައި ނިޒާމީ ވޯޓާއި ގުޅޭ ވާހަކައެއް އެއްގޮތަކަށްވެސް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ތަންފީޒު ކުރަމުން މި ގެންދަނީ އަޅުގަނޑާއި ހަވާލުވެފައި އޮތް އެ މެނިފެސްޓޯ، އޭގައި އޮތްގޮތަށް މި ކުރިއަށް ގެންދަނީ، އެއްވެސް ހާލެއްގައި އެ މެނިފެސްޓޯ ތެރޭގައި ނިޒާމީ ވޯޓެއް މި ފަސް އަހަރު ތެރޭގައި ނަގާ ވާހަކައެއް ނެތް" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ނެތް ކަމެއް ކުރާ ކަމުގައިވަނީނަމަ، ކޯލިޝަންގައި ތިބި ފަރާތްތަކާއި މަޝްވަރާ ކުރަން ޖެހޭ ކަމަށާއި، އެކަމާއިގެން ކުރިއަށް ދެވޭނީ މަޝްވަރާއާ އެކުގައި ކަމަށެވެ.

އަދި އެނޫން ގޮތަކަށް މި ދައުރުގެ ތެރޭގައި ކުރިއަށްދެވޭނެ ފުރުސަތެއް އޮތް ކަމަަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދު ވަނީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ މެނިފެސްޓޯގައި ހިމެނޭ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.