ޖަރުމަންގެ ގައުމީ ފުޓްބޯޅަ ޓީމަކީ މިހާރު "އެންމެ މަތީ ފަންތީގެ" ޓީމެއް ނޫން ކަމަށް ޖަރުމަންގެ ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި ރޭ ޕެރަގުއޭ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ޖަރުމަން ވަނީ މުބާރާތުން ކަޓައިފަ އެވެ. މިއީ 2014ގެ ވޯލްޑް ކަޕަށްފަހު، ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުން ޖާގަ ނުލިބި ޖަރުމަން ވޯލްޑް ކަޕް ނިންމާލި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން އޮތް ދެ ވޯލްޑް ކަޕުން ވެސް ޖަރުމަން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ރޭގެ މެޗަކީ 12 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި ޖަރުމަން ވާދަކުރި ފުރަތަމަ ފަހަރެވެ.

"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގައި ގުނާލެވޭނެ ޓީމެއް ނޫން. ޖެހިޖެހިގެން ތިން ވަނަ ވޯލްޑް ކަޕުން މި ކެޓީ (ގަދަ 16 އަށް ނުގޮސް)،" ނާގެލްސްމަން ބުންޏެވެ.

ޖަރުމަންގެ ކޯޗުކަމާ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ނާގެލްސްމަން ހަވާލުވީ 22023 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އޭނާގެ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އެބަ އޮތެވެ.

ރޭގެ މެޗުގައި ކުރިމަތިވި ނާކަމިޔާބަށް ފަހު ނާގެލްސްމަންއަށް ވަނީ ގިނަ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެކަމަކު އޭނާ ބުނީ މަގާމުން ވަކިވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ޖަރުމަންގެ ފުޓްބޯލް އެސޯސިއޭޝަނުން އަހަރެން މަގާމުގައި ބަހައްޓަން ބޭނުންވާނަމަ، އަހަރެން މި މަގާމުގައި ދެމިހުންނާނަން،" ނާގެލްސްމަން ބުންޏެވެ.