އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާގެ ކުންފުންޏަކަށް ދީފި އެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާގެ ނޫސްތަކުންނެވެ. ދިވެހި ސަރުކާރުން މިކަމާބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެ އެވެ.

ޔޫޓީއެފްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ރެއިލް ވިކާސް ނިގަމް ކުންފުންޏާ އެވެ.

މި މަޝްރޫއު ހަވާލުކުރީ 186 މިލިއަން ޑޮލަރު ނުވަތަ 2.8 ބިލިއަން ދިވެހި ރުފިޔާއަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ލިޔެފައިވެ އެވެ. އަދި ޕްރޮޖެކްޓް ހަވާލުކުރި ކަމުގެ ލިޔުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ވެސް ލިޔެފައިވެ އެވެ. އަދި މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.

އުތުރު ތިލަފަޅުގައި ދިވެހި ސިފައިންގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާއާއި ދިވެހި ސަރުކާރުން ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު މިފަދަ އެކި އެކި ޕްރޮޖެކްޓްތައް އިންޑިއާއަށް ދެމުންދާތީ އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން އުތުރުތިލަފަޅު ތަރައްގީކުރަން ހަދާފައިވާ އެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށާއި އުތުރު ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ސިފައިން އެބަތިބި ކަމަށް ތަކުރާރުކޮށް އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އުތުރު ތިލަފަޅު ތަރައްގީކުރަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރިކަން އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައިވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑުއުފުލަމުންދާ ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނިކޮށެވެ.