އާ އަހަރު ފާހަގަ ކުރުމަށް ހުޅުމާލޭގައި ބާއްވާ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޕަވާނީ ޕާންޑޭ ޕަފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އުމުރުން 30 އަހަރުގެ ފަންނާނު ރާއްޖޭގައި ޕަފޯމްކުރަން ހަމަޖެހިފައި ވަނީ އާ އަހަރަށް މަރުހަބާ ކިޔަން ޔޫތު މިނިސްޓްރީން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ "މޯލްޑިވްސް ވާއު ފެސްޓް" ގެ ނަމުގައި ބާއްވާ ޝޯގަ އެވެ. އެ ޝޯ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސިންތެޓިކް ޕާކްގަ އެވެ.

ޔޫތު މިނިސްޓްރީން ބުނީ މިޝޯގައި ދިވެހި ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ހަބޭސް، ފިއުޝަން، އަދި ލެވިޓޭޝަން ހިމެނެ އެވެ. އަދި ހަވާގެ ހަރަކާތްތައް ވެސް ޝޯގެ ތެރެއިން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޝޯ ފެށުމަށް ހަމަޖެހިފައި ވަނީ އެ ރޭ 8:30 ގައި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ޕައުނީ އާއްމުންގެ މެދުގައި ބޮޑަށް މަޝްހޫރުވެގެންދިޔައީ 2017 ވަނަ އަހަރު ނެރުނު ޝާހްރުކް ޚާންގެ ފިލްމް "ރައީސް" އަށް އޭނާ ކިޔައިދިން "ލައިލާ މެ ލައިލާ" އިންނެވެ. މިއީ 1980 ވަނަ އަހަރު ނެރުނު ފިލްމް "ޤުރުބާނީ" ގައި ހަމަ އެނަމުގައި ހިމެނޭ ލަވައިގެ ރީމޭކެކެވެ.

މި ދެ ލަވައަކީ ދިވެހިންގެ މެދުގައިވެސް މަޤުބޫލު ދެ ލަވަ އެވެ. އޭނާ އެންމެފަހުން ލަވައެއް ކިޔާފައިވަނީ މިދިޔަ އޯގަސްޓް މަހު ނެރުނު ފިލްމް "ލައިގާ" އަށެވެ.