އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވާ ހާއްސަ ޖަލްސާއެއް މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށުނު ފަހުން އެ މަނިކުފާނު ކެމްޕޭން ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ޕްރައިމަރީގެ ކެމްޕޭން ސޯލްޓް ކެފޭ ހިންގާ ބިލްޑިންގައި ފެެއްޓެވުމަށްފަހު އެމަނިކުފާނު މިދިޔަ ހަފުތާގައި ވަޑައިގެންނެވީ ސްރީލަންކާއަށެވެ. އަދި އެ މަނިކުފާނު ރާއްޖޭގައި ނެތް ނަމަވެސް އެމްޑީޕީގެ ދަނޑިކޮށީ ޖަގަހާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވާ ކެމްޕޭން ޖަލްސާތައް ބާއްވާފައިވެ އެވެ.

ރައީސް ސޯލިހު ބައިވެރިވާ ކެމްޕޭން ޖަލްސާ އޮންނާނީ މިރޭ 9:00 ގައި އެމްޑީޕީގެ މައި ހަރުގޭގަ އެވެ.

"ކުރިޔަށް" ގެ ނަމުގައި ފައްޓަވާފައިވާ ރައީސް ސޯލިހުގެ ކެމްޕޭން މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް ކުރިޔަށް ގެންދެ އެވެ.

ރައީސް ސޯލިހުގެ އިތުރުން ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކެމްޕޭން މާލެ އާއި އަތޮޅު ތެރޭގައި ކުރިޔަށް ގެންދަވަ އެވެ. އެ މަނިކުފާނު އިއްޔެ ވަނީ ފުވައްމުލަކަށް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ.