ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖޭގައި މިރޭ އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ދެވަނަ ބުރަށް ދަތުރުކުރިއިރު، މި މެޗުގައި ދެ ލަނޑު ޖެހި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހޯދައިފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ހެޓްރިކެއް ހެދި މެސީ މިރޭގެ މެޗުގެ 38 ވަނަ މިނިޓުގައި ޖެހި ލަނޑާއެކު، އޭނާ ވަނީ ވޯލްޑް ކަޕްގައި 17 ލަނޑު ހަމަކޮށްފަ އެވެ. މި ލަނޑާއެކު، އޭނާ ވަނީ ޖަރުމަންގެ ކުރީގެ ފޯވަޑް މިރޮސްލާވް ކްލޯސާއަށް ވުރެ އެއް ލަނޑު ކުރިއަށް ޖެހިލައިފަ އެވެ.

އެކަމަކު މެޗުގެ ކުރީކޮޅު މެސީއަށް ރެކޯޑް ހެދުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު މެޗުގެ 8 ވަނަ މިނިޓުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ އޭނާއަށް ކާމިޔާބެއް ނުވި އެވެ.

މި ހަފުތާގައި އުމުރުން 39 އަހަރު ފުރޭ މެސީ މިރޭގެ މެޗުގައި ދެވަނަ ލަނޑު ޖެހީ އިތުރު ވަގުތުގަ އެވެ. މި ލަނޑާއެކު، ވޯލްޑް ކަޕްގެ ހަ މުބާރާތުން އޭނާ ވަނީ މިހާތަނަށް ޖުމްލަ 18 ލަނޑު ހަމަކޮށްފަ އެވެ.

މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފަސް ލަނޑު ޖަހައި، މެސީއަކީ މި ވޯލްޑް ކަޕްގެ ލަނޑު ލިސްޓުގައި މި ވަގުތު ކުރީގައި އޮތް ކުޅުންތެރިޔާ އެވެ.

މެސީ ވޯލްޑް ކަޕްގައި މިހާތަނަށް ޖެހި 18 ލަނޑުގެ ތެރެއިން 12 ލަނޑު ޖަހާފައިވަނީ އޭނާގެ އުމުރުން 35 އަހަރުވީ ފަހުންނެވެ. މެސީއަކީ ވޯލްޑް ކަޕްގެ ތާރީހުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި ތިން ވަނަ ކުޅުންތެރިޔާ އެވެ. މި ރެކޯޑް ދެން އޮތީ ފްރާންސްގެ ޖުސް ފޮންޓެއިން އަދި ބްރެޒިލްގެ ޖާޒިނިއޯގެ އަތުގަ އެވެ.

ވޯލްޑް ކަޕްގައި މެސީ އެންމެ ފުރަތަމަ ލަނޑު ޖެހީ މީގެ 20 އަހަރު ކުރިން ޖަރުމަންގައި 2006 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ލަނޑެއް ނުޖަހަ އެވެ. އެކަމަކު 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ހަަތަރު ލަނޑު އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެއް ލަނޑު އޭނާ ޖެހި އެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕް އާޖެންޓީނާ ކާމިޔާބުކުރިއިރު، މެސީ ޖުމްލަ ހަތް ލަނޑު ޖެހި އެވެ.

އާޖެންޓީނާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެނެވެ. މި ގުރޫޕްގައި މާދަމާ ކުޅޭ މެޗުގައި އަލްޖީރިއާ އަތުން ޖޯޑަން މޮޅުުނުވެއްޖެ ނަމަ، އާޖެންޓީނާއަށް ގުރޫޕްގެ އެއްވަނަ މަގާމު ބާކީ އެއް މެޗު އޮއްވައި ކަށަވަރުވާނެ އެވެ.

މި މެޗުން ބަލިވި ނަަމަވެސް، ތިން ޕޮއިންޓާއެކު އޮތް އޮސްޓްރިއާއަށް ދެވަނަ ބުރުގެ ފުުރުސަތު އަދި އެބައޮތެވެ.