ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ މިދަނޑިވަޅުގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެގޮތުން ޓޫރިސްޓް ޚިދުމަތް ދޭ ތަންތަނުގައި ގާއިމުކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ އެކްޝަން ޕްލޭންތައް ބޭނުންޖެހިއްޖެ ހާލަތެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުމާއި އަދި ޚާއްސަކޮށް ފަތުރުވެރިންނާއިމުވައްޒަފުން މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ޓޫރިޒަމް މިނިސްޓްރީއިން މިއަދުވަނީ ހުރިހާ ޓޫރިސްޓް ޚިދުމަތްދޭ ތަންތަނަށް ސާކިއުލަރއެއް ފޮނުވާފަ އެވެ.

އަދި އެހެންމެ ކޮވިޑް 19 އާއި ގުޅިގެން އެޗް.ޕީ.އޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލް ތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އަދި ތަފާތު ގޮންޖެހުންތަކާ އެކުވެސް ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވާ އާރޯކުރުމަށް ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ކުރަމުން ގެންދާ މިންނެތް މަސައްކަތަށާއި ދޭ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.