ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރ. އަލިފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހް އަލިފުއްޓަށް ކުރައްވާ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ހާމަކުރެ އެވެ.

މިދަތުރުފުޅުގައި ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން މިއަދު ހަވީރު ބާއްވާ އާއިލީ ހަވީރުގައި ރައީސްގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި، މިދުވަހާއި ގުޅިގެން މިރޭ ބާއްވާ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަލިފުށްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅު ހުކުރުދުވަހު ނިންމަވާލެއްވުމަށް ހަމަޖެހިފައިވާއިރު، މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.