ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ޕެރަގުއޭގެ ގައުމީ ފުޓްބޯޅަ ޓީމު ހޯދުމުގެ އުފަލުގައި، މިއަދަކީ ޕެރަގުއޭގެ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.
ވޯލްޑް ކަޕްގެ ގަދަ 32 ބުރުގައި ރޭ ޖަރުމަން ބަލިކޮށް، ޕެރަގުއޭ ގަދަ 16ގެ ޖާގައެއް ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މިހާތަނަށް ނިކުތް އެންމެ ހައިރާން ކުރުވަނިވި އެއް ނަތީޖާ އެވެ.
ޕެރަގުއޭ އިން ހޯދި ކާމިޔާބީ ފާހަގަކުުރުމުގެ ގޮތުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި، އެކަން އިއުލާންކުރެއްވީ ޕެރަގުއޭގެ ރައީސް ސަންޓިއާގޯ ޕެނާ އެވެ.
"މިއަދަކީ މުޅި ގައުމު އުފާފާޅުކުރާ ދުވަހެއް،" ޕެނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. "މި ހޯދި ބޮޑު ކާމިޔާބީގެ އުފާފާޅުކުރުމަކީ ސަރުކާރުން ވެސް ކުރަންޖެހޭ ކަމެއް. އެހެންވެ، މި ތާރީހީ ދުވަހު ޕެރަގުއޭގެ ހުރިހާ ރައްޔިތުންނަށް ވެސް އުފާފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދެނީ."
ޕެރަގުއޭ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަން އަތުން މޮޅުވުމުގެ އުފާފާޅުކުރުމަށް ސަރުކާރު ބަންދު ކުރި ދެކުނު އެމެރިކާގެ ދެވަނަ ގައުމެވެ. ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޖަރުމަން އަތުން މޮޅުވެ، އިކުއެޑޯ މުބާރާތުގެ ގަދަ 32ގެ ޖާގައެއް ހޯދުމުން، އެ ގައުމުގެ ރައީސް ވެސް ވަނީ އުފާފާޅުކުރުމަށް ސަރުކާރު ބަންދުކޮށްފަ އެވެ. – ރޮއިޓާސް
މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ސާވޭއެއް ފަށައިފި
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި