ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިވެހި ރާއްޖޭގެ ވެރިކަން ލިބުމުން އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ކުރީ ފުރައްސާރަކަމަށް މަޝްހޫރު ދީނީ އިލްމުވެރިނާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ދެކޮޅަށް ޒާތީ މައްސަލައެއް ނެތް ކަން ފާހަގަކުރައްވައި ދީނީ އިލްމުވެރިޔާ އަލީ ޒައީދު ޓްވީޓް ކުރައްވާފައިވާއިރު، އޭނާ ވަނީ މައްސަލައަކީ ނަޝީދު ގެންގުޅުއްވާ ދީނާއި ދުރު ހިޔާލާތުތަކާއި ސިޔާސަތުކަމަށް ވިދާޅުވެފަ އެވެ. ވީމާ ރައީސް ނަޝީދު އަލުން ވެރިކަމަށް ގެނައުމަކީ ގެއްލުން ބޮޑުވާނެކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ޒައީދުގެ ޓްވީޓް ރިޓްވީޓް ކުރައްވަމުން ޑރ.އިޔާޒް ވަނީ ލޯބިވާންވީވެސް އަދި ރުޅިއަރަންވީވެސް ﷲ އަށް ޓަކައިކަން ފާހަގަކުރައްވާފަ އެވެ. ހަމަައެހެންމެ ރައީސް ނަޝީދަށް ވެރިކަން ލިބުނުފަހަރު ﷲގެ ދީނަށާއި ނަބިއްޔާ ﷺ ގެ ސުންނަތަށް ފުރައްސާރަކޮށްފައިވާކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޑރ.އިޔާޒް ވިދާޅުވިގޮތުގައި ރައީސް ނަޝީދު ވެރިކަމަށް އައުމާއި ދެކޮޅަށް ވާހަކަދައްކަވަނީ މީގެ ކުރިން ދީނާއި ހިލާފަށް ޑެންމާކްގައި ދެއްކި ވާހަކަ އާއި އެތައްކަމެއް ހުރުމުގެ ސަބަބުން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށްޓަކައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 28 ގަ އެވެ.

މި އިންތިހާބުގައި ރައީސް ޞާލިހާއި ރައީސް ނަޝީދު ވާދަކުރައްވާއިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ ފޯރިގަދަ ކެމްޕެއިން ޖަލްސާތަކެއް ރާއްޖޭގެ އެކި ރަށްތަކުގައި ބާއްވަމުންނެވެ.