ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިލާފުވާ އާންމު ފަރުދުން 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އުސޫލެއް އާންމުކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު އާންމުކުރި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު"ގައިވާ ގޮތުގައި އާންމު ފަރުދެއް ނަމަ، 1،000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގާނޫނީ ޝަހުސެއް ނަމަ، 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވިދާނެ އެވެ.

އާންމު ފަރުދެއް ނަމަ، އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއިންނެވެ. ދެވަނަ ފަހަރު 3،500 ރުފިޔާއިންނެވެ. އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ. އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

ގާނޫނީ ޝަހުސެއް ނަމަ، އެންގުމާ ހިލާފުވާ ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 5،000 ރުފިޔާއިން ނެވެ. ދެވަނަ ފަހަރު 25،000 ރުފިޔާއިން ނެވެ. ތިންވަނަ ފަހަރު 50،000 ރުފިޔާއިން ނެވެ. ހަތަރު ވަނަ ފަހަރު 75،000 ރުފިޔާއިން ނެވެ. ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

މީގެ ކުރިން އެންގުމާ ހިލާފުވެއްޖެ ނަމަ ޖޫރިމަނާ އަކީ 1،000 ރުފިޔާ އިން އެކަންޏެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ޖޫރިމަނާގެ އާ އުސޫލަށް އަމަލު ކުރާނީ ކޮވިޑް-19 އާ ގުޅިގެން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ އަލަށް އެ ހާލަތު އިއުލާންކުރުމަށް ފަހު އެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށެވެ.

އުސޫލުގައި ބުނެފައިވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާ ރާއްޖެ އެތެރެވުމަށް މަގުފަހިކޮށްދިނުން ނުވަތަ ރާއްޖެ ގެނެސްފި ނަމަވެސް އެ ފަރާތެއް ޖޫރިމަނާކުރާނެ ކަމަށެވެ.

އުސޫލުގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ފުލުހުން ކަމަށް ވެސް އުސޫލުގައި ވަނީ ހިމަނައިފަ އެވެ.