ސަރުކާރުގެ އަމާޒަކީ ކުދިންނަށް ތައުލީމު ދިނުމުގައި ވެސް އެއްވެސް އަތޮޅެއް، ރަށެއް އަދި ފަރުދެއް ވެސް ބާކީ ނުކުރުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރު ފުރުނު މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެ ކަމަށާއި އެއީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ހާސިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބެއް ކަމަށެވެ. އެމަނިކުފާނު ވަނީ މިދިޔަ އަހަރާ ޖެހެންދެން ވ. އަތޮޅުގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލެއް ނެތްކަން ފާހަގަކުރައްވައި އެ އަތޮޅުގައި މުޅިން އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފެށީ މި ސަރުކާރުންކަން ފާހަގަކުރައްވައިފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ފޭދޫ ސްކޫލުގެ ތާރީޚްގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ ފޭދޫ އާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ އިންތިޒާމުތައް ވީއެންމެ އަވަހަކަށް ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ދަރިންނަށް ތައުލީމުދިނުމާއި މުޅި ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދެއްވާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ކުޑަކުރުމާއި އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައުލީމުގެ ޤާނޫނެއް އެކުލަވާލައި 2021 ވަނަ އަހަރު ތަންފީޒުކުރަން ފެށުމާއި ބައެއް ސްކޫލުތަކަށް ސެޓެލައިޓް ސްކޫލް ނިޒާމު ތައާރަފު ކުރުމާއި ޕްރިންސިޕަލުންނާއި ޑެޕިޔުޓީ ޕްރިންސިޕަލުންނާއި ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ގެނެސްދިން ހެޔޮބަދަލާއި އަދި ތައުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދިނުން ފަދަ ކަންކަން ފާހަގަ ކުރެއްވި އެވެ. އަދި މީގެ އިތުރުން ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުސަތުތައް ފަދަ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވައިފަ އެވެ.