ކޮވިޑުގެ ދަތިހާލުގައި ދުނިޔެ ބަންދުވެ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތް ދަތި ދުވަސްވަރެއްގައި ސަރުކާރުން އެވަރުގެ ބުރަ މަސައްކަތްތަކެއް ނުކުރި ނަމަ ރާއްޖެ ބަނޑަށް ޖެހި ބަނގުރޫޓްވީސް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެން، ފޭދޫގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަޅައި، އެތަކެއް ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދިން ކަމަށެވެ. ސަރުކާރެއްގެ ޒިންމާއަކީ، ރައީސް ވިދާޅުވި ގޮތުގައި، އެފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުނެވެ.

"އެ ދުވަހު އަޅުގަނޑުމެން ކުރި މަސައްކަތްތައް އެގޮތަށް ނުކުރި ނަމަ، މި ރާއްޖެ އޮންނާނީ ބަނޑަށްޖެހިފައި. ބަނގުރޫޓުވެފައިި. މިއަދު އަޅުގަނޑުމެންނަށް މިތަނަށް ނުކުމެވި މި ތިބެވެނީ، އެ ދުވަހު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން،" ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވި އެއްވުމުގައި ރައީސް ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑުމެން ކުރި މަސައްކަތްތައް އެގޮތަށް ނުކުރި ނަމަ، މި ރާއްޖެ އޮންނާނީ ބަނޑަށްޖެހިފައި. ބަނގުރޫޓުވެފައިި. މިއަދު އަޅުގަނޑުމެންނަށް މިތަނަށް ނުކުމެވި މި ތިބެވެނީ، އެ ދުވަހު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން
ރައީސް ސޯލިހު

ރައީސް ވިދާޅުވީ، ސަރުކާރުން ކަންކަން ކުރަން ބޭނުންވި ހަލުވިމިނުގައި ކުރިއަށް ނުދިޔައީ ކޮވިޑްގެ ސަބަބުން ކަމަށެވެ. އަދި ކަންކަން އަވަސްކުރަން ރައްޔިތުން ބޭނުންވެފައިވާ މިންވަރު އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މުޅި ދުނިޔެއަށް އައި ކޮވިޑް އާލަަމީ ވަބާގައި، މުޅި ދުނިޔެ ހުއްޓުމާ އެކު، ރާއްޖޭގެ އިގްތިސާދަށް ހުރަސްތަކެއް ކުރިމަތިވި. ވަރަށް ގިނަ ބުރަ މަސައްކަތާ އެކު އެންމެ އަވަހަށް، އެނބުރި އިގްތިސާދު ރުޖޫއަވި ގައުމެއްގެ ގޮތުގައި ރާއްޖެ ވެގެން ދިޔައީ މި ތިއްބެވި ހުރިހާ ބޭފުޅުން ކުރެއްވި ބުރަ މަސައްކަތުން،" ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އަދި މަޖިލީހުގެ އައްޑޫގެ ބައެއް މެންބަރުން ވެސް ތިއްބެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން އެޅި ބައެއް ފިޔަވަޅުތައް ރައީސް ވިދާޅުވެ ދެއްވި އެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ:

  • ސްޓިމިއުލަސް ލޯނުގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ދޫކުރުން
  • 1،400 އަށް ވުރެ ގިނަ ވިޔަފާރިއަކަށް 347 މިލިއަން ރުފިޔާގެ ލުއި ލޯނު ދިނުން
  • ހާލުގައި ޖެހިފައި ތިބި 22،000 މީހުންނަށް އިންކަމް ސަޕޯޓުގެ ގޮތުގައި 421 މިލިއަން ރުފިޔާ ހިލޭ ދިނުން
  • އަމިއްލަ މަސައްކަތާއި ކުދި ވިޔަފާރިކުރާ 669 މީހަކަށް 20 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުން
  • ކަރަންޓު ބިލުން 209 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދިން
  • ފެން ބިލުން 88 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދިން

ރައީސް ވަނީ ކޮވިޑުގައި މި ސަރުކާރުން އެޅި ފިޔަވަޅުތަކާއި ޕްރައިމަރީގައި އެމަނިކުފާނުގެ ވާދަވެރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދުނިޔެއަށް ކުރިމަތިވި ފައިނޭންޝަލް ކްރައިސިސްގައި ކަންކުރި ގޮތް އަޅާ ކިޔުއްވައިފަ އެވެ.

"2008 ވަނަ އަހަރު ވެސް ދުނިޔެއަށް އައި ފައިނޭޝަލް ކްރައިސިސްގައި ރާއްޖޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވި. އޭރު ކަން ކުރި ގޮތާއި މިފަހަރު ކޮވިޑްގައި އަޅުގަނޑުމެން ކަން ކުރި ގޮތާ ތިބޭފުޅުން ވިސްވަން ޖެހޭނެ. އޭރު ކަންކުރި ގޮތަކީ ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ. މުވައްޒަފުން މަދު ކުރީ. ރައްޔިތުންނަށް ލިބޭ އަމްދަނީ ދަށްވުމުގެ ސަބަބުން އެތައް ހާލެއްގައި އުޅެން ޖެހުނު އެތައް ރައްޔިތުންނެއް ތިބި،" ނަޝީދުގެ ސަރުކާރުގައި ކަންކުރި ގޮތަށް ފާޑު ވިދާޅުވަމުން ރައީސް ވިދާޅުވި އެވެ. "އެކުރި ގޮތަށް ކަން ކުރާ ބަޔަކު ތިބެގެން އަޅުގަނޑެއް ގަބޫލެއް ނުކުރަން މި ރާއްޖެ ސަލާމަތް ކުރެވޭނެ ކަމަކަށް."

އޭރު ކަން ކުރެވިގެންދިޔަ ގޮތާއި މިފަހަރު ކޮވިޑްގައި އަޅުގަނޑުމެން ކަން ކުރި ގޮތާ" ތިބޭފުޅުން ވިސްވަން ޖެހޭނެ. އޭރު ކަންކުރި ގޮތަކީ ސިވިލް ސާވިސްގެ މުސާރަ ކުޑަކުރީ. މުވައްޒަފުން މަދު ކުރީ. ރައްޔިތުންނަށް ލިބޭ އަމްދަނީ ދަށްވުމުގެ ސަބަބުން އެތައް ހާލެއްގައި އުޅެން ޖެހުނު އެތައް ރައްޔިތުންނެއް ތިބި
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް އަދިވެސް ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަމަކު އެ ގޮންޖެހުންތަކުން އަރައިގަނެވޭނީ މި ސަރުކާރުން ކަންކުރި ގޮތަށް ކަންކުރާ ބަޔަކު ވެރިކަމުގައި ތިބެގެން ކަމަށެވެ.