ސެލީނާ ގޮމޭޒްގެ ނަން ބުނުމުން އެއީ ކާކުކަން ނުދަންނާނެ މީހަކު ވަރަށް މަދުވާނެ އެވެ. ސެލީނާ އަކީ އޭނާގެ ލަވަކިޔުމާއި ރީތިކަމުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

ހަމައެހެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާ ފަންނާނުންނަކީ އެންމެ ގިނައިން އާންމުންގެ ފާޑުކިޔުމާއި ހަނގާކުރުންތަކުގެ ޝިކާރައަކަށްވާ ބައެކެވެ. އޭގެ ތެރޭގައި މުޅި ދުނިޔެއިން ވެސް އެންމެ ރީތި އަންހެނުންގެ ލިސްޓުގައި ހިމެނިފައިވާ ސެލީނާ ގޮމޭޒް ހިމެނެ އެވެ.

ދާދި ފަހުން ގޯލްޑެން ގްލޯބްސްއިން ސެލީނާ ފެނިފައިވާއިރު، އޭނާ ފެނިފައިވަނީ އާދަޔާއި ހިލާފަށް ފަލަވެފައި ހުއްޓަ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ހަރުކަށި ބަސްތައް އޭނާއަށް އަމާޒުކޮށްފައިވާއިރު، ސޯޝަލްމީޑިއާގައި ސެލީނާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބާގެ އަންހެނުން ހެއިލީ ބީބާއާ އަޅާކިޔާފަ އެވެ.

އެގޮތުން އޭނާގެ ހަށިގަނޑާއި ގުޅޭގޮތުން މީހުންގެ ހިޔާލު އޭނާ ނުނަގާކަމަށް ސެލީނާ ވަނީ ބުނެފަ އެވެ. އަދި އޭނާއަށް އޭނާގެ ހަށިގަނޑު ހުންނަ ގޮތް ރީތިކަމަށާއި، މީހަކަށް ނުވަތަ ބައެއްގެ ހިޔާލުގެ ސަބަބުން އެކަން ބަދަލު ނުކުރާނެކަމަށް އޭނާ ބުނެފައިވެ އެވެ.

ސެލީނާ އިތުރަށް ބުނީ އޭނާ ހިއްކަސް، ފަލަޔަސް ނުވަތަ ފިޓްކޮށް ހުއްޓަސް އާންމުންނަކީ އަބަދުވެސް ކޮންމެ ކަމަކުން ވެސް ކުށެއް ހޯދާނެ ބައެއް ކަމަށެވެ.

ސެލީނާގެ ހަށިގަނޑަށް އަންނަ ބަދަލަކީ "ލޫޕަސް"އަށް ފަރުވާކުރަމުން ދިޔުމުގެ ސަބަބުން އަންނަ ސައިޑްއެފެކްޓެކެވެ. އޭނާގެ ހާލަތަށް އާންމުންގެ ހަމްދަރުދީ ލިބޭނެކަމަށް އުންމީދު ކުރިނަމަވެސް މީހުންގެ ހަރުކަށި ބަސްތަކަކީ ހުއްޓޭނެ އެއްޗެއް ނޫން ކަމަށް ސެލީނާ ބުންޏެވެ. އަދި އެކަމުގެ އަސަރު އޭނާގެ ދިރިއުޅުމަށް ނުގެނެވޭތޯ ބަލާކަމަށް ވެސް ސެލީނާ ބުންޏެވެ.