ތެލް އަވީވް (27 ޖެނުއަރީ) ހަލަބޮލި ވެފައިވާ ޔޫކްރެއިން މަޝްރަހުގައި އީރާނުގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ބުނެ އެކަން ބަލައިދިނުމަށް އިޒްރޭލުން ނޭޓޯއަށް ގޮވާލައިފި އެވެ.

ނޭޓޯގެ ހެޑްއޮފީހަށް ކުރެއްވި ޒިއާރަތެއްގައި އިޒްރޭލުގެ ރައީސް އިސާކް ހެރްޒޮގް ވިދާޅުވީ ޔޫކްރެއިންގެ މަޝްރަހު މުޅި ޔޫރަޕްގެ ސަލާމަތަށް ނުރައްކާ ކުރުވާފައިވާ ކަމަށެވެ.

"މިހާރު ނުރައްކާ އޮތީ ހަަމައެކަނި ޔޫކްރެއިންއަކަށް ނޫން. ވަގުތު އޮއްވާ އީރާނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ" ހެރްޒޮގް ވިދާޅުވި އެވެ.

އޭނާ މި ބީދައިން ވާހަކަ ދައްކަވާފައި މިވަނީ އީރާނުން ރަޝިއާއަށް ޑްރޯންތަކާއި އެނޫންވެސް އަސްކަރީ ހަތިޔާރު ފޮނުވާފައި ވަނިކޮށެވެ

އިޒްރޭލުން ރަޝިއާއާ ދެކޮޅު ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކި ނަމަވެސް ސީދާ ބަހުން ރަޝިއާ ކުށްވެރިކޮށްފައެއް ނުވެ އެވެ. އަދި ޔޫކްރެއިންއަށް އަސްކަރީ އެހީ ދީފައެއްވެސް ނުވެ އެވެ.

އިޒްރޭލުން ރަޝިއާއަށް އެއްވެސް ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައި ނުވަނީ އަވަށްޓެރި ސީރިއާގައި ރަޝިއާގެ ކޮންޓްރޯލް އޮންނާތީ ކަމަށް ހަބަރުތައް ބުނެ އެވެ. -- އަލް އަރަބިއްޔާ