ޔަމަން (31 ޖެނުއަރީ) ޔަމަނުގެ ހުޅަނގުއުތުރު ސަރަހައްދަކަށް ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާ ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ޝައްކު ކުރެވޭ ތިން މީހަކު މަރުވެއްޖެ އެވެ.

މާރިބް ޕްރޮވިންސްގައި އޮތް ކާރަކަށް އަމާޒުކޮށް ދިން މި ހަމަލާއަކީ އެމެރިކާއިން ދިން ހަމަލާއެއް ކަމަށް ބަލެވޭ ކަމަށް ޔަމަނުގެ ސަރުކާރު އޮފިޝަލަކު ވިދާޅުވި އެވެ.

"ހަމަލާގައި އަލްގައިދާގެ ތިން ހަނގުރާމަވެރިން ވަނީ މަރުވެފައި. އެ ސަރަހައްދުގައި އޮތް ކާރަކަށް ދިން އެ ހަމަލާގައި ކާރުގައި ތިބި މީހުން ވަނީ ވަގުތުން މަރުވެފައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެހެން އޮފިޝަަލަކު ވެސް ވަނީ މަރުވެފައި ވަނީ އަލްގައިދާގެ ހަނގުރާމަވެރިންކަން ބޭރުގެ ނޫސްތަކަށް ކަށަވަރު ކޮށްދީފަ އެވެ.

މި ހަމަލާގެ ތުހުމަތު ޔަމަނުގެ އިދާރާތަކުން އެމެރިކާއަށް ކުރި ނަމަވެސް މިކަމާ ގުޅޭގޮތުން މިހާތަނަށް އެމެރިކާގެ އެއްވެސް ބަހެއް ލިބިފައެއް ނުވެ އެވެ.

ޓެރަރިސްޓް ޖަމާއަތް ކަމަށްވާ އަލްގައިދާގެ ޔަމަނުގެ ގޮތްޕަކީ ވެސް ދުނިޔެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެމެރިކާއިން ވަނީ ފާހަގަކޮށްފަ އެވެ.

ދާޚިލީ މަޝްރަހު ހަލަބޮލިވެފައިވާ ޔަމަނުގައި މިފަހަކަށް އައިސް ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. -- އަލް އަރަބިއްޔާ