"އިންޑިއަން އައިޑަލް"ގެ 12 ވަނަ ސީޒަން އިން މަޝްހޫރުކަން ހޯދާފައިވާ ލަވަ ކިޔުންތެރިން ކަމަށްވާ ޕަވަންދީޕް ރަޖަން އާއި އަރުނިތާ ކަންޖީލާ ރާއްޖޭގައި ޝޯއެއް ދިނުމަށް ތައްޔާރުވެއްޖެ އެވެ.

ޕަވަންދީޕް އަކީ ސޮނީ ޓީވީން ގެނެސްދިން "އިންޑިއަން އައިޑޮލް 12" ކާމިޔާބުކުރި ލަވަކިއުންތެރިއެކެވެ. އަދި ހަމަ އެހެންމެ އަރުނިތާ އަކީ މި ޝޯގައި ވާދަކޮށް ދެވަނަ ހޯދި ލަވަކިއުންތެރިއާ އެވެ.

ޕަވަންދީޕް އާއި އަރުނިތާ ބައިވެރިވާ ޝޯ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ޝޯގެ ޓިކެޓް އަންނަ ހަފްތާގެ ތެރޭގައި ވިއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ޕަވަންދީފާ އާއި އަރުނިތާގެ ޝޯގެ ޕޯސްޓަރެއް

ރާއްޖެއަށް މިފަހުން މަޝްހޫރު ތަރިންތަކެއް ގެނެސްފައިވާ ޓުއާނިވަލްގެ ފަރާތުން އިންތިޒާމު ކުރާ މި ޝޯ ކުރިއަށް ގެންދަން ނިންމާފައިވަނީ "މިއުޒިކަލް އައިޑަލް"ގެ ނަމުގަ އެވެ.

ޓުއާނިވަލް ނަމުގައި ކުރިއަށް ގެންދާ މި އިވެންޓްގެ ހަރަކާތްތަކެއް ވަނީ މިދިއަ މަހުގެ ފަހު ކޮޅުގައި ވެސް ކުރިއަށް ގެންގޮސްފައި އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު އިންޑިއާގެ ގިނަ ފަންނާނުންނާއި ދިވެހި ބައެއް ފަންނާނުންތަކަކާ އެކު ވަނީ ފުޓުބޯޅަ މެޗެއް ކުޅެފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވަނީ އިންޑިއާގެ ބައެއް ފަންނާނުންނާ އެކު މިއުޒިކް ޝޯއެއް ބާއްވައިފަ އެވެ.