ވޮޝިންޓަން (13 ފެބްރުއަރީ) - އެމެރިކާއާއި ކެނެޑާ ގުޅޭ ބޯޑަރު ކައިރީގައި އޫންނަ ލޭކް ހޫރަންގެ ސަރަހައްދުން ދަތުރުކުރި ގޮތް ނޭނގޭ ވައިގެ އުޅަނދެއް އެގައުމުގެ އަސްކަރިއްޔާއިން ވައްޓާލައިފި އެވެ.
މިއީ މި މަހުގެ ތެރޭގައި އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު މިފަދަ ހަތަރުވަނަ އުޅަނދެވެ. އެއިން ކޮންމެ އުޅަނދެއް ވެސް އެގައުމުން ވަނީ ވައްޓާލާފަ އެވެ.
ފެބްރުއަރީ މަހު ހަތަރުވަނަ ދުވަހު އެންމެ ފުރަތަމަ ފެނުނު އުޅަނދަކީ ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށް އެމެރިކާއިން ތުހުމަތުކުރާ އުޅަނދެކެވެ. ޗައިނާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް އެ އުޅަނދަކީ އެގައުމުގެ ސައިންޓިފިކް ދިރާސާތަކުގައި ބޭނުންކުރާ އުޅަނދެއް ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން އެފަދަ އިތުރު ތިން އުޅަނދެއް ފެނިފައިވާއިރު އެ އުޅަނދުތަކަކީ ކޮން ގައުމަކަށް ނިސްބަތްވާ ކޮން ޒާތެއްގެ އުޅަނދުތަކެއް ކަމެއް ވެސް އެނގިފައެއް ނުވެ އެވެ.
އެންމެ ފަހުން އިއްޔެ ފެނުނު އުޅަނދަކީ އަސްކަރީ ނުރައްކަލެއް ކަމުގައި ނުބެލެވުނަސް އެތެރޭގެ އުދުހުންތަކަށް ހުރި ނުރައްކަލެއް ކަމަށް ފެންނާތީ އެ އުޅަނދު ވައްޓާލީ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެ އެވެ.
މިއުޅަނދުތައް ފެނުމާ ގުޅިގެން އެމެރިކާއިން ވަނީ ދެފަހަރެއްގެ މަތިން އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް މާ ގިނައިރު ތަކެއް ނުވެ އަލުން ހުޅުވާފައިވެސްވެ އެވެ.
އެމެރިކާގެ ވައިގެ ސަރަހައްދުން ގޮތް ނޭނގޭ އުޅަނދުތަކެއް ތަކުރާރުކޮށް ފެންނަމުން ދާތީ އެގައުމުގެ އަސްކަރިއްޔާއިން ވަނީ ހައި އެލާޓްގައި މަސައްކަތް ކުރަން ފަށާފަ އެވެ. -- އަލް އަރަބިއްޔާ