ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ. މި އިއްޒަތް އެރުވުން އޮތީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވ ހާއްސަ ރަސްމީ ޖަލްސާގެ ތެރެއިންނެވެ.
މި ޝަރަފު އެރުވި ބޭފުޅުންނަކީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ޑރ. މުހައްމަދު ލަތީފާއި، ދީނީ އިލްމުވެރިޔާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ދެ ބާނީން ކަމުގައިވާ ޗަމްޕާ ހުސައިން އަފީފާއި މުހައްމަދު މޫސާ (އުއްޗު) އެވެ.
ޑރ. މުހައްމަދު ލަތީފަށް މި އިއްޒަތް އެރުވީ ރާއްޖޭގެ ތައުލީމީ ނިޒާމު ޒަމާނީކޮށް ހަރުދަނާކުރުމަށާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށް ދިގު މުއްދަތެއްގައި ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެމަނިކުފާނަކީ އެޑިއުކޭޝަން މިނިސްޓަރުކަމާއި، ހަރިޖީ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އިބްރާހީމް ރަޝީދު މޫސާއަށް މި ޝަރަފު އެރުވީ ރާއްޖޭގައި އިސްލާމީ އިލްމު ފެތުރުއްވުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކަށެވެ. އެމަނިކުފާނަކީ މައުހަދުލް ދިރާސާތުލް އިސްލާމިއްޔާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރާއްޖޭގެ ދީނީ ތަޢުލީމަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން މި ޝަރަފު ލިބިވަޑައިގަތް ޗަމްޕާ ހުސައިން އަފީފާއި މުހައްމަދު މޫސާ (އުއްޗު) އަކީ މީގެ ކުރިން ނިޝާން މުލީގެ ޝަރަފުގެ އިއްޒަތްވެސް އަރުވާފައިވާ ދެ ބޭފުޅުންނެވެ. މި ދެ ބޭފުޅުންނަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އެރުވީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން ތައާރަފްކޮށް ކުރިއެރުވުމަށާއި، ރާއްޖޭގެ އިޖުތިމާއީ ތަރައްގީއަށް އެ ބޭފުޅުން ވެދެއްވަމުންދާ ދީލަތި އެހީތެރިކަމާއި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށެވެ.
މި ޖަލްސާގައި ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ގިރާވަރުފަޅު ހިއްކުން ދެ މަސްތެރޭގައި ނިމޭނެ: ރައީސް
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި
"މި ދައުރުގައި ސިންގަޕޫރު ފެންވަރުގެ ގޯ ކާޓް އެރީނާއެއް އަޅާނަން"