މިއުނިކް (18 ފެބްރުއަރީ) ރަޝިއާއި ޗައިނާގެ ގުޅުންތައް ބަދަހިވަމުން އަންނާތީ ނޭޓޯއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނޭޓޯގެ ސެކެޓްރަރީ ޖެނެރަލް ޖެންސް ސްޓޮލްޓަންބާގް ވިދާޅުވީ ރަޝިއާއި ޗައިނާގެ ގުޅުންތައް ބަދަހިވުމަކީ ނޭޓޯއަށް އޮތް ނުރައްކަލެއް ކަމަށާއި އެކަމަށް ފާރަވެރިވާން ޖެހޭ ކަމަށެވެ.
މިއުނިކްގައި ބޭއްވި ސަލާމަތާބެހޭ ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ސްޓޮލްޓަންބާގް އިތުރަށް ވިދާޅުވީ ރަޝިއާގެ އަމަލުތައް ނޭޓޯއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިދަނޑިވަޅުގައި ނޭޓޯގެ މެމްބަރުން އެއްބައިވެ ތިބުން ވަރަށް މުހިއްމު ކަމަށެވެ.
ޗައިނާއާއި ރަޝިއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދާ ކަމަށް ވިދާޅުވަމުން ސްޓޮލްޓަންބާގް ވަނީ އެއީ ނޭޓޯގެ ސަލާމަތާއި ސިޔާދަތަށް އޮތް ނުރައްކަލެއްގެ ގޮތުގައ ސިފަކުރައްވާފަ އެވެ.
ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށުމާއެކު އެއްވެސް ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ޗައިނާއިން އިއުލާން ކުރި ނަމަވެސް މިިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ޗައިނާއިން ވަނީ ރަޝިއާއާއެކު އޮތް ގުޅުންތައް ވަރުގަދަކޮށްފަ އެވެ.
ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމުން ޗައިނާއިން ވެސް މިފަދަ ގޮތަކަށް ޓައިވާނާ މެދު އަމަލުކޮށްފާނެ ކަމުގެ ބިރު ހުޅަނގުގެ ގައުމުތަކުން ވަނީ ފާޅުކޮށްފަ އެވެ.
ހުކުރު ދުވަހު ފެށި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ނޭޓޯގެ މެމްބަރު ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. -- އަލް އަރަބިއްޔާ