ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޒާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި ރިޒާގެ ފުރާނަފުޅަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާ ކަމަށެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަކަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލުކުރައްވަމުން ގެންދެވި ރިޒާއަކީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރެވެ. އޭނާ ވަނީ، ނިމުނު ތިން ދައުރުގައި ވެސް މެންބަރުކަން ކުރައްވާފަ އެވެ. ރިޒާ ގެންދެވީ މަޖިލީހުގެ ޖުޑިޝަރީއާއި، މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވަމުންނެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވަމުން ގެންދެވި ރިޒާ ވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގައި އެ މަޖިލީހުން ޖޭއެސްސީއަށްް ކަނޑައެޅުއްްވި މެމްބަރުގެ ގޮތުގައި އެ ކޮމިޝަންގައި ވެސްް މަސައްކަތް ކުރައްވާފަ އެވެ. އަދި ޖޭއެސްސީގެ ނައިބު ރައީސްގެ މަގަމު ވެސް ރިޒާ ވަނީ ފުރުއްވާފަ އެވެ.

ރިޒާ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް އެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފަ އެވެ.

ރައީސް ނަޝީދުގެ މެސެޖްގައި ވަނީ ރިޒާއަކީ މަޖިލީހުގެ މެމްބަރުކަން 3 ދައުރުގައި ކުރެއްވި އަދި ރާއްޖޭގެ ސިޔާސީ ހަޔާތުގެ ނުހަނު ބޮޑު ބައިވެރިއެއް ކަމަށެވެ. އަދި ރާއްޖެ ސިޔާސީ ޕާޓީގެ ނިޒާމަށް ބަދަލުކުރުމުގެ ހިއްސާދާރެެއް ކަމަށް ވެސް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުވަނީ މަރުހޫމަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކެން ދެއްވުން އެދި ދުއާ ކުރައްވާފަ އެވެ.