އެމްޑީޕީން މަސައްކަތް ކުރަމުނީ ގިނަ ބަޔަކާއެކު އެއްބައިވެ، އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނާއެކު ވާދަކުރުމަށް އެމްޑީޕީން މިއަދު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ބައްދަލުކުރުމަށްފަހު ވާހަކަދައްކަވަމުން ވިދާޅުވީ ފައްޔާޒް އެމްޑީއޭއަކީ މިހާރު ގައުމުގައި އޮތް ހަމަޖެހުމުގެ ތެރެއިން ރާއްޖޭގެ ކުރިމަގަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ގިނަ ބަޔަކާއެކު އެއްބައިވެ، އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނުނެރުމަށް ނިންމައި، އެމްޑީއޭއިން ވަނީ ކޯލިޝަނެއްގެ ތެރެއިން އިންތިޚާބުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ. މިއާއެކު އެ ޕާޓީން ވަނީ ކޯލިޝަން ހެދުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ޕާޓީތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފަ އެވެ.

އެމްޑީއޭގެ ކައުންސިލްގެ އެ ނިންމުމާ އެއްގޮތަށް އެ ޕާޓީގެ ލީޑަޝިޕުން މިއަދު ވަނީ އެމްޑީޕީގެ ލީޑަޝިޕާ ބައްދަލުކޮށްފަ އެވެ. މިބައްދަލުވުމުގައި ބައިވެރިވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒްގެ އިތުރުން، ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން އެވެ.

އެމްޑީއޭއިން ވަނީ ކޯލިޝަން ހެދުމަށް އެ ޕާޓީއަށް ލިބިފައިވާ ދައުވަތުގެ ތެރެއިން ޕީޕީއެމް، ޕީއެންސީއާ ވެސް މިއަދު ހަވީރު ބައްދަލު ކުރުމަށް ނިންމާފަ އެވެ. މި ބައްދަލުވުމަށްފަހު އެ ޕާޓީން ކޯލިޝަން ހެދުމާމެދު މާދަމާ ބާއްވާ ކައުންސިލް ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފަ އެވެ.