ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށް ފަސް ބޭފުޅުން އިންތިހާބުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި ޖުމްހޫރީ ޕާޓީގެ ގައުމީ ހަތަރު ވަނަ ކޮންފަރެންސްގައި ކުރިއަށްދިޔަ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި 12 ބޭފުޅަކި ވަނީ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލާފަ އެވެ.

ޑެޕިއުޓީ ލީޑަރުންގެ މަގާމަށް ކުރިމަތިލާފައިވާ ބޭފުޅުން ތެރޭގައި މިހާރު ހިންގާ ސަރުކާރު ކޯލިޝަންގެ މިނިސްޓަރުންނާއި އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވާދަކުރެއްވި މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ މެމްބަރުންގެ ތެރެއިން ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވީ ހަމައެކަނި ނަހުލާ އެވެ.

އެ މަގާމަށް ވާދަކުރެއްވި ފިޝާރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އާއި ކޮންޓްރޯލާ އޮފް އިމިގްރާޝަން ހަނަފީ އާއި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދަށް ވަނީ ނާކާމިޔާބީ ކުރިމަތިވެފަ އެވެ.

ކޮންގްރެސްގެ 680 ބައިވެރިންގެ ވޯޓު ދިން ނައިބު ލީޑަރުގެ ވާދަވެރި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި މިނިސްޓަރު ނަހުލާއަށެވެ. ދެން އެ މަގާމަށް އިންތިހާބުވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމާއި، މީގެ ކުރިން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމު ފުރުއްވާފައިވާ އަހުމަދު ސައުދާއި، މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހް، އަދި އިގްބާލް އާދަމް އެވެ.

ޑެޕިއުޓީ ލީޑަރު އިންތިހާބުގެ ނަތީޖާ:

  • ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ - 558 ވޯޓު
  • ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް - 327 ވޯޓު
  • ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު - 277 ވޯޓު
  • ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް - 263 ވޯޓު
  • ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު - 275 ވޯޓު
  • ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު (އަބްޅޯ) - 258 ވޯޓު
  • އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ - 255 ވޯޓު
  • އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު - 198 ވޯޓު
  • ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން - 147 ވޯޓު
  • އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަަދު އަހުމަދު (ހަނަފީ) - 143 ވޯޓު
  • ޔަޝްފާ އަބްދުލްޣަނީ - 138 ވޯޓު
  • ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު - 102 ވޯޓު

ޖޭޕީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ފަސް ބޭފުޅަކު އިންތިހާބުކޮށްފައިވާއިރު، އެހެން ބޭފުޅަކު ކުރިމަތިނުލުމުން އިންތިހާބަކާ ނުލައި އެ ޕާޓީގެ ލީޑަރަކަށް ހޮވިފައި ވަނީ، އެ ޕާޓީ އުފެދުނީއްސުރެ ވެސް ވޭތުވެދިޔަ 15 އަހަރު އެ މަގާމު ފުރުއްވަމުން ގެންދަވާ، ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.

ޑެޕިއުޓީ ލީޑަރުގެ މަގާމުގެ އިތުރަށް ޖޭޕީގެ ކައުންސިލަށް 25 މެންބަރުން ވެސް ކޮންގްރެސްއިން އިންތިހާބު ކުރި އެވެ. އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ރިޔާސީ އިންތިހާބުގައި ޕާޓީން އަމަލު ކުރާނެ ގޮތް ނިންމުމުގެ ބާރު އޮންނާނީ ޕާޓީގެ ކައުންސިލަށެވެ.

ޖޭޕީގެ ކޮންގްރެސްގައި ރޭ ވަނީ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަކުރުމަށް ކައުންސިލަށް ލަފާ ދިނުމަށް ގޮވާލާ ގަރާރެއް ވެސް ހުށަހަޅާ އެ ގަރާރުން ފާސްކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާ ކައުންސިލަށް ފޮނުވާފައިވާއިރު، މިހާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކަކަށް ރައީސް ސޯލިހު ވަނީ އެމަނިކުފާނާއެކު ކޯލިޝަން ހައްދަވައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް އެދި ސިޓީ ފުޅެއް ވެސް ފޮނުވާފައި އެވެ.