މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން 3،000 މެންބަރުން ހަމަކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅައިފި އެވެ.

އެމްއާރުއެމްގައި ގާނޫނީ އަދަދު ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ނޯޓިސް ދީފައިވަނިކޮށް، 3،000 މެންބަރުން ހަމަކުރުމަށްފަހު އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅީ އިއްޔެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އެމްއާރުއެމްގައި މިވަގުތު ތިބީ 2،981 މެންބަރުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އެމްއާރުއެމްގައި ގާނޫނީ އަދަދު ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ނޯޓިސް ދީފައިވެ އެވެ. ނަމަވެސް ނޯޓިސް ދިނުމާއެކު އެމްއާރުއެމުން ވަނީ 3000 މެންބަރުން ހަމަކޮށްފަ އެވެ.

އެމްއާރުއެމްގެ އިތުރުން ޤާނޫނީ ޢަދަދު ހަމަނުވާ ޕާޓީތަކަކީ ދާދިފަހުން އުވާލަން ނިންމި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އެވެ.

އެމްއާރުއެމްއަކީ 2005 ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިން ފަހުން ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަނުގައި އެމްއާރުއެމް ރަޖިސްޓްރީކޮށްފައި ވަނީ، 20 ނޮވެމްބަރ 2019ގަ އެވެ.