އޭރު އެކުގައި އުޅުނީ ވަރަށް ލޯބިންނެވެ. އުމުރަށް އެކުގައި އުޅުމަށާއި ވަކިނުވާނެ ކަމުގެ އަހުދާއި ވައުދުތައް ވެސް ކޮށްގެންނެވެ. އެހެން ނަމަވެސް ދެން ވީ ކިހިނެއް ހެއްޔެވެ؟ އެ ވައުދުތަކުގެ މާނަ ގެއްލި ދެމީހުން ވަކިވީ އެވެ.
ލޯބީގެ ގޮތުން ދެމީހަކު ގުޅިގެން އުޅުމަށްފަހު ވަކިވުމަކީ ދިރިއުޅުމަށް ގިނަ ބަދަލުތަކެއް ގެނުވާނެ ކަމެކެވެ. އެ މީހަކާމެދު ނަފްރަތާއި ރުޅިވެރިކަން ވެސް އުފެދެ އެވެ.
ބައެއް ހާލަތްތަކުގައި ކުރިން ވަކިވި އެ ބައިވެރިޔާއާއެކު އޮތް ގުޅުން އާލާވެ ހަމަ އެ ގުޅުމަށް އަނބުރާ ދެވެ އެވެ. ކުރިން ކުރެވުނު ހިތި ތަޖުރިބާ ހަނދާނުން ފޮހެވި އާ ހަޔާތެއްގެ އުއްމީދުގައި އަނެއްކާވެސް ގުޅުން ފެށެ އެވެ.
އެހެން ނަމަވެސް ސައިންސްގެ އެހީގައި ސައިކޭޓަރިސްޓުން ބުނާގޮތުގައި މިގޮތަށް އަލުން ކުރީގެ ބައިވެރިޔާއާ ގުޅުމަކީ ބުއްދިވެރި ކަމަކަށް ނުވެ އެވެ.
ސަބަބަކަށްވަނީ ކުރިން އެ ބައިވެރިޔާއާއެކު ކޮށްފައިވާ ތަޖްރިބާއިން މީހާގެ ހިތަށާއި ސިކުނޑިއަށް ލިބިފައިވާ ނަފްސާނީ ގެއްލުންތަކުގެ އަސަރު ދެން އެ ބައިވެރިޔާއާއެކު އުޅޭ އުޅުމުގައި ފެންނާނެތީ އެވެ.
އެގޮތުން ޝައްކު ކުރުމާއި ރުޅިގަދަ ވުމުގެ އިތުރުން އިތުބާރު ނުކުރެވުމަކީ ވެސް ދެވަނަ ފަހަރަށް އެއް ބައިވެރިޔަކާ ގުޅިއްޖެ ނަމަ ފެނިދާނެ ކަންކަމެވެ.
މިހެން ބުނި ނަމަވެސް ކުރީގެ ބައިވެރިޔާއާ އަލުން ގުޅި ކާމިޔާބު ޒަވާޖީ ހަޔާތެއް އުޅެމުންދާ މީހުން މަދުން ނަމަވެސް އުޅެ އެވެ. އެހެން ނަމަވެސް އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
ތިބާގެ ކުރީގެ ލޯބިވެރިޔާ އަލުން އާ ފުރުސަތަކަށް އެދިއްޖެ ނަމަ އެ ފުރުސަތު ދޭނަން ހެއްޔެވެ؟ ކުރީގެ ތަޖުރިބާ ފަސްލައި އާ ތަޖުރިބާއަކަށް ތަން ދޭނަން ހެއްޔެވެ؟