މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ކުރައްވައިފި އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ މުނައްވަރު ވަނީ އޭނާގެ ޓުވިޓާ އަދި ފޭސްބުކްގައި "2023، ޑރ.މުނައްވަރު" މިފަދައިން ލިޔެ ތައްޔާރު ކޮށްފައިވާ ލޯގޯއެއް އާއްމު ކުރައްވާފަ އެވެ. އަދި މި ލޯގޯގައި އައްޑޫ ސިޓީއަށް ހާއްސަ ދޫންޏެއް ކަމަށްވާ "ދޮން ދީނި" ގެ ފޮޓޯއެއް ވެސް ޖަހާފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުނައްވަރުގެ ކެމްޕެއިން ޖަގަހަތައް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ޑރ. މުނަެއްވަރު ވަނީ ދާދި ފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ކެޕްމެއިންގައި ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި ފަހަކަށް އައިސް ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަ އެވެ. އެގޮތުން ޗާގޮސްގެ މައްސަލައިގައި ސަރުކާރު ނިންމި ނިންމުންތަކާއި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

މައި ދެ ޕާޓީގެ ކެންޑިޑޭޓުންގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ދެން އިއުލާން ކުރައްވާފައި ވަނީ އެމްއެންޕީން މުހައްމަދު ނާޒިމާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.