ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދެމުން އަންނަ ހުރިހާ ހިދުމަތެއް ހުޅުމާލޭގައި އަލަށް ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް، 'އުމަރު ޒާހިރު އޮފީސް ބިލްޑިންގް'އަށް ބަދަލުކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީ ހިންގަމުން ގެންދާނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މިނިސްޓްރީން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް އެ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުންނަ ހަޔާ އެޑިއުކޭޝަން ކައުންޓަރުން ލިބޭނެ ކަމަށް ވެސް އިއުލާންގައި ބުނެފައިވެ އެވެ.

މި އިމާރާތަށް ސަރުކާރުގެ ގިނަ އޮފީސްތައް ބަދަލުކުރުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކޮށްފައިވަނީ ޖެންޑާ މިނިސްޓްރީ އެވެ. އަދި މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ވެސް އެ އިމާރާތަށް ވަނީ ބަދަލު ކޮށްފަ އެވެ.

އޭގެ އިތުރުން، ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީވެސް އިމާރާތަށް ބަދަލުކުރަން ނިންމައިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

މި އިމާރާތަކީ ސަރުކާރު އޮފީސްތަކުގެ ކުއްޔަށް ބޮޑު ހޭދައެއް ކުރަން ޖެހޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން 185 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާފައިވާ އޮފީސް އިމާރާތެކެވެ.