ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގެ ފުރަތަމަ މެޗުގައި މިރޭ ކެނެޑާ އަތުން 3-0 އިން މޮޅުވެ، މުބާރާތުގެެ ކުއާޓާ ފައިނަލްގެ ފުރަތަމަ ޖާގަ މޮރޮކޯ އިން ހޯދައިފި އެވެ.

އެމެރިކާގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެހެން ނަމަވެސް، ދެވަނަ ހާފު ވަރުގަދަކޮށް ފަށައި، މޮރޮކޯއިން ވަނީ އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލައިފަ އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު މޮރޮކޯއަށް ލީޑު ހޯދައިދިނީ މިޑްފީލްޑަރު އަޒޭދީން އޮނާހީ އެވެ. މޮރޮކޯއަށް ލިބުނު ހިލޭޖެހުމަކުން އަޝްރަފް ހަކީމީ ތިިރިތިރިން ދިން ބޯޅަ، ޑީ އޭރިޔާ މަތިން އޮނާހީ ވަނީ ގޯލުގެ އަމާޒުކޮށްލައިފަ އެވެ. އަދި މެޗުގެ 82 ވަނަ މިނިޓުގައި މޮރޮކޯ އިން އުފެއްދި ކައުންޓާ އެޓޭކެއްގައި، ބްރަހިމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، އޮނާހީ ވަނީ މޮރޮކޯގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މޮރޮކޯގެ ތިން ވަނަ ލަނޑު ޖެހީ ފުރަތަަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފޯވަޑް ސުފިއާން ރަހީމީ އެވެ. ފުރަތަމަ ހާފުގައި ރަހީމީ ކުޅެން ނުކުތީ މޮރޮކޯގެ މުހިންމު ފޯވަޑް އިސްމާއިލް ސައިބާރީއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ހޯސްޓުންގެ ތެރެއިން މުބާރާތުން އެންމެ ފުރަތަމަ އަލްވަދާއު ކިޔަންޖެހުނު ކެނެޑާއަށް މި މެޗުގެ ނަތީޖާ ބަލައިގަންނަން އުނދަގޫވާނެ އެވެ. އެއީ ފުރަތަމަ ހާފުގައި މޮރޮކޯއަށް ވުރެ ވަރުގަދައަށް ކުޅެ، އުފެއްދި ރަނގަޅު ފުރުސަތުތަކުގެ ބޭނުން ނުހިފުމުންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ކެނެޑާގެ ޖޮނަތަން ޑޭވިޑާއި ޓާނީ އޮލުވަސޭޔީއަށް ލިބުނު ފުރުސަތުތަކަށް ހުރަސްއެޅީ މޮރޮކޯގެ ގޯލްކީޕަރު ބޯނޯ އެވެ. ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިނަމަ، މެޗުގެ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮތެވެ.

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދި މޮރޮކޯ ކުއާޓާ ފައިނަލްގައި ނުކުންނާނީ ފްރާންސް ނުވަތަ ޕެރަގުއޭއާ ދެކޮޅަށެވެ.