އާސަންދައަށް ސަރުކާރުން މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 30 އިންސައްތަ ހުސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީ އިން ފެށިގެން 2 މާޗުގެ ނިޔަލަށް އާސަންދައަށް 334 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފަ އެވެ. ފާއިތުވި އަހަރު މި މުއްދަތުގައި އާސަންދައަށް ހޭދަވެފައިވަނީ 163 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި މިންވަރު މިވަނީ 52 އިންސައްތައިން އިތުރުވެފަ އެވެ.

މި އަހަރަށް އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެހެން ކަމުން 334 މިލިއަން ރުފިޔާ ހަރަދުވުމުން މިހާރު އެ ބަޖެޓުގެ 31 އިންސައްތަ ވަނީ ހުސްވެފަ އެވެ.

ދާދި ފަހުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އާސަންދައިގެ ހަރަދު އިތުރުވެފައިވާކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ހަރަދުތައް ބޮޑުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް ކަމަށްވެސް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ސަރުކާރުން ބުނީ އާސަންދައިގެ ހަރަދު ބޮޑުވުމާއި އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅުމެއް ނެތް ކަމަށެވެ.