އާދީއްތަ ދުވަހު ބޭއްވި 95 ވަނަ އޮސްކާ އެކަޑަމީ އެވޯޑްސްގެ ތެރެއިން ގިނަ ތަރިންތަކެއްގެ ފެޝަން ފާހަގަވި އެވެ. އެހެން ނަމަވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން އަށެވެ.

އޮސްކާއަށް ދީޕިކާ ޚިޔާރުކުރީ ކަޅުކުލައިގެ ވެލްވެޓް ގައުން އެެކެވެ. އޮފް ޝޯލްޑާ ކަރަކާއެކު ޑިޒައިން ކޮށްފައިވާ އެ ހެދުމުގައި ދީޕިކާ ވަރަށް ރީތިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އޮސްކާގެ ހަފްލާގައި ދީޕިކާ ވަނީ ސްޓޭޖަށް ވެސް އަރައިފަ އެވެ. އެގޮތުން ދެކުނުގެ "ނާތޫ ނާތޫ" ލަވަ ބައިވެރިންނަށް ތައާރަފް ކޮށްދިނީ ދީޕިކާ އެވެ.

ހަފްލާއަށްފަހު އޮސްކާގެ އާފްޓާ ޕާޓީގައި ދީޕިކާ ފެނިފައިވަނީ ދަނބު ކުލައިގެ ފްލެއާޑް ހެދުމެއްގަ އެވެ. މި ފެނިލުމަށް ވެސް ގިނަ ބަޔަކު ތައުރީފް ކުރި އެވެ.

ދީޕިކާ ޕަދުކޯން

ދީޕިކާގެ ފެނިލުމަށް ގިނަ ބަޔަކު ތައުރީފް ކުރަމުން އަންނައިރު އޭނާއަކީ މިފަހަރުގެ އޮސްކާގައި ފެނިގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ހަމައެކަނި ތަރި އެވެ.

މި އަހަރުގެ އޮސްކާގައި އިންޑިއާގެ ދެ އުފެއްދުމަކަށް އެވޯޑް ލިބިފައިވެ އެވެ. އެއީ ދެކުނުގެ ނާތޫ ނާތޫ ލަވައާއި ދަ އެލިފަންޓް ވިޝްޕަރާސް ޑޮކިއުމެންޓްރީ އެވެ. ބައިނަލްއަގްވާމީ އެވޯޑެއްގައި އެގައުމަށް ލިބުނު ކާމިޔާބީ އިންޑިއާގައި އަންނަނީ ކުލަގަދަކޮށް ފާހަގަ ކުރަމުންނެވެ.

އޮސްކާގައި ދީޕިކާ ފެނިފައި މިވަނީ މީގެ ހަތަރު މަސް ކުރިން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް އޭނާ ފެނިފައިވަނިކޮށެވެ. އެ މުބާރާތުގެ ޓްރޮފީ ދައްކާލީ އޭނާ އެވެ.