މި ރަމަޟާން މަހު ވެސް، ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ. އެހެންކަމުން ކަނޑައަޅާފައިވާ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފަ އެވެ.

އާއްމު މަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8:00 އިން މެންދުރު 2:00 އަށް، 6 ގަޑިއިރުގެ ވަގުތެވެ. ނަމަވެސް އާއްމުކޮށް ވެސް ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރެވެ.

ކަލަންޑަރުގައިވާ ގޮތުގައި މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 23 ވަނަ ދުވަހެވެ.