މިއަހަރުގެ ފުރަތަމަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ދެނީ ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. އަދި ތިމާވެށްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ދިނުމަށް ކަނޑައެޅިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެހެން އަހަރުތަކޭ އެއް ގޮތަށް މިއަހަރު ވެސް ޖުމްލަ 20 ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް އާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު ހުށަހެޅޭނީ އީމެއިލް މެދުވެރިކޮށެވެ. އީމެއިލް ފޮނުވާނީ [email protected] އަށެވެ.
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ދިނުމަށް ހުޅުވާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ދީފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބޭނެއެވެ.