ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ފިރިކަލުން ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރައްވަން ވޯޓު ދެއްވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރަށްތަކަށް ގެންނަވާ ތަރައްގީން ލުއި ފަސޭހަތަކެއް ލިބޭ ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ތައުރީފް ކުރައްވައިފަ އެވެ.

ރައީސް ސޯލިހްގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއަށް ދީފައި ވަނިކޮށް އިންތިހާބުގައި ވަކިން ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ވަނީ އިއްޔެ ރޭ ފާސްކޮށްފަ އެވެ. މި ނިންމުމަށް ނަހުލާ ވެސް ތާއީދުކުރައްވައި ވޯޓު ދެއްވި އެވެ.

ކައުންސިލްގެ ނިންމުމަށް ފަހު ނަހުލާ ރޭ ވަނީ ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވަން ރައީސްއާ އެކު އެ ރަށަށް ވަޑައިގެންފަ އެވެ.

މިނިސްޓަރު ވަނީ ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައި ބަދަލާއެކު ރައްޔިތުންނަށް ލިބިގެންދިޔަ ލުއިފަސޭހަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ނަހުލާ ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ.

"ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް އާއުސްމިންތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ. ޒުވާނުން ބާރުވެރި ކުރުވިއްޖެ. ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެެވިއްޖެ. އަމިއްލަ ރަށުގައި ހުރެގެން ފައިދާ ހޯދޭން މަގު ތަނަވަސް ވެއްޖެ،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަލުވިކަމާއެކު ހިނގައި އުތުރާއި ދެކުނުގެ ރައްޔިތުންނަށް އެއް ހަމައެއްގައި ނަފާއާއި މަންފާ ލިބޭގޮތަށް މިއަދު އަތޮޅުތައް ބައްޓަން ކުރެވިފައިވާ ކަމަށެވެ. މިކަންކަން އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދަވައި މިބަދަލު ގެނެސްދެއްވި މޭސްތިރިއަކީ ރައީސް ސޯލިހުކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައި ދެއްވުމަށާއި ގައުމު ބިނާކުރެއްވުމުގައި ތިޔަ ދައްކަވާ ސާބިތުކަމަށާއި، އަޅުގަނޑުމެންނަށް މަނިކުފާނު ދެއްވާ ހިތްވަރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ޝުކުރު ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަރެސްމާތޮޑާގައި ގާއިމްކުރި އެއާޕޯޓާއެކު އެއް އަތޮޅެއްގައި އެންމެ ގިނަ އެއާޕޯޓް ހުޅުވުނު އަތޮޅަކަށް ހުވަދު އަތޮޅު ވެފައިވާ ކަމަށެވެ. މީގެ ސަބަބުން ހުވަދު އަތޮޅަށް މީގެ ކުރިން އިތުރު ނުވާ އެތަކެއް ވަޒީފާއަކާއި، މާލީ އަދި އިގްތިސޯދީ މަންފާ އެތައްގޮތަކުން ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރައްވައި ނަހުލާ ވާހަކަދެއްކެވިއިރު ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި، ރައީސްގެ ފެކްޝަންގެ މަންބަރުން އިއްޔެ ވެސް ގޮވާލާފައިވެ އެވެ.