ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ވަނީ މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހިސާބަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 4:30 އާ ހަމައަށެވެ. އެ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.
އެ އިދާރާއިން ބުނީ ކުރިއަށް އޮތް 6 ގަޑިއިރާއި 8 ގަޑިއިރަށް ބަލާއިރު ވެސް މެދު ރާއްޖެތެރޭގެ އެކި އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވެސް މިރޭ ކޮންމެ ވެސް ވަރަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. ނަމަވެސް ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ރާއްޖޭގެ މޫސުން ކުރިއަށްއޮތް 24 ގަޑިއިރަށް ލަފާކުރާގޮތަށް ބަލާއިރު އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އެގޮތުން އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.