ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްޅާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި އާމް އާދުމީ ޕާޓީގެ ލީޑަރަކާ ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕަރިނިތީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާމް އާދުމީ ޕާޓީގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްޑާ އެވެ. އޭނާ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖަ ސަބާގެ މެމްބަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ދެމީހުން ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއްވެއްޖެ އެވެ. އަދި ދެ މީހުން ވެސް ގުޅުމާމެދު މިހާރު ވަރަށް ސީރިއަސް ކަމަށް ވެ އެވެ. އެހެންވެ ކައިވެނި ކުރަން އުޅޭކަން ވަރަށް އަވަހަށް އެ މީހުން އިއުލާން ކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޕަރިނީތީ، 34، އާއި ރާގަވް، 34، އަކީ ވަރަށް ކުރިއްސުރެ ވެސް ދެ އެކުވެރިންނެވެ. އަދި އެ މީހުން ކިޔެވީ އެކީގައި ލަންޑަންގަ އެވެ.

ވަރަށް ފަހުން ވެސް މިދެމީހުން ވަނީ އެކީގައި އެކިތަނުން ފެނިގެން ގޮސްފަ އެވެ.

ޕަރިނީތީ ބޮލީވުޑަށް ނިކުތީ ރަންވީރާ އެކު 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިނެވެ. ޕަރިނީތީ ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެފަ އެވެ.