މިފަހުން އިންޑިއާގެ މީޑިއާތަކުގައި އެންމެ ހިނގި އެއް ވާހަކައަކީ ފިލްމީ ތަރި ޕަރިނީތީ ޗޯޕްރާއާއި މަޖިލިސް މެމްބަރު ރާގަވް ޗައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އެވެ.

އެކަމާ ގުޅިގެން މިހާރު އިންޑިއާގެ ބައެއް ހަބަރުތަކުން ވަނީ ޕަރިނީތީއާއި ރާގަވް ސިއްރުން އެންގޭޖް ވެފައިވާ ކަމަށް ވެސް ބުނެފަ އެވެ.

މިކަން ރަސްމީކޮށް އެއްވެސް ފަރާތަކުނަ ޔަގީން ކޮށްދީފައި ނުވި ނަމަވެސް ރާގަވްއާ އެއްކޮށް މަސައްކަތްކުރާ މެމްބަރެއް ކަމަށްވާ ސަންޖީވް އަރޯރާ ވަނީ ދެތަރިން އެންގޭޖްވިކަން ދޭހަވާ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.

އެގޮތުން ސަންޖީވް ކުރި ޓުވީޓުގައި އެ ދެމީހުންނަށް މަރުހަބާ ކިޔާފައިވާއިރު އެ ގުޅުމަކީ ދާއިމަށް ދެމިގެންދާނެ އުފާވެރި ގުޅުމަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އޭނާ ބުނެފައވެ އެވެ.

މިކަން ކުރިއަށް އޮތް ދުވަސްތަކުގައި ޕަރިނީތީގެ އާއިލާގެ ފަރާތުން ރަސްމީކޮށް އިއުލާން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މި ދުވަސްވަރަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކައިވެނި ކުރަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ކިއާރާ އަދްވާނީއާއި ސިދްހާތު މަލްހޯތުރާ ވެސް ވަނީ ވަރަށް ފަހުން ކައިވެނި ކޮށްފަ އެވެ.