ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަށް ވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ގުރުބާންވި މީހަކު ނުހުންނާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ޝިފާޒް އަށް ތައުރީފްކޮށްފައި މިވަނީ އޭނާ މިއަދު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރުމާ ގުޅިގެންނެވެ.

އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައިނުގަތުމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޝިފާޒްއަށް ވުރެ ބޮޑަށް މި ސަރުކަރު ގެނައުމަށް ގުރުބާންވި އެހެން މީހެއް ނުހުންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މުސްތަގުބަލް އޮތީ އުޖާލާކޮށްކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ޝިފާޒްގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.

އެމްޑީޕީ ނެގެހެއްޓުމަށް ނުހަނު ދައްޗާއި އަނިޔާގައި ޝިފާޒް ކުރެއްވި ގަދަފަދަ މަަސައްކަތް އަގުނުކުރެވޭނެ ކަމަށެވެ. ރައީސް ސޯލިހަށް މަޤާމުގައި ހުންނެވެނީ އެފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތައި، މަގާމުން ވަކިކުކުރުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށް ވެސް އީވާ ވިދާޅުވި އެވެ. އަދި ސަރުކާރު ބަލިކަށިވެ ގޮތް ހުސްވަނީ ކަމަށް އީވާ ވިދާޅުވި އެވެ.

ޝިފާޒް މަގާމުން ވަކިކުރެއްވި އިރު ޝީފާޒް ގެންދަވަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރެއްވިއިރު ވެސް ޝިފާޒު ތާއީދުކުރެއްވީ ނަޝީދަށެވެ.

ޝިފާޒު މަގާމުން ވަކިކުރެއްވިއިރު އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސެއިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަމްރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދުގެ އަރިހުގައި ފިކުރެއްގެ ދިރުން ފެކްޝަނުގައި އެވެ.