ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުން 10 ދުވަހަށް ކަރަންޓީނުވާ ޖެހޭ ގޮތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދައިފި އެވެ.

އެޗްޕީއޭ އިން ބުނީ އެފަދަ ދަރިވަރުން 10 ދުވަހަށް ކަރަންޓީނުވުމަކީ މަޖުބޫރު ކަމެއް ކަމަށެވެ. އަދި އެ ދަރިވަރުން ކަރަންޓީނުން ދޫކުރާނީ 10 ދުވަހުގެ މުއްދަތަކަށްފަހު ޓެސްޓުކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެ ނިންމުމަށް އަމަލުކުރަން ޖެހޭނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.

ދަރިވަރުން 10 ދުވަހަށް ކަރަންޓީނުވާން ޖެހުނަސް ރާއްޖެ އަންނަ އެހެން ދިވެހީންނާއި ވޯކް ވިސާގައި އަންނަ މީހުން 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ގެނެސްފިނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

ކޮވިޑްގެ އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނިފައިވާތީ އެ ގައުމުން އަންނަ ދިވެހީންނާއި ވޯކް ވިސާގައި އަންނަ މީހުން 10 ދުވަހަށް ކަރަންޓީނުވުން ވަނީ ލާޒިމްކޮށްފަ އެވެ.