ސިޔާސީ ދާއިރާގެ މީހަކާ ދުވަހަކު ވެސް ކައިވެނި ނުކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ ބުނާ ވީޑއޯއެއް އިންޓަނެޓުގައި ދައުރުވާން ފަށައިފި އެވެ.

މި ވީޑިއޯ ފެންމަތިވެފައި މިވަނީ އިންޑިއާގެ އާއްމު އާދްމީ ޕާޓީ (އޭއޭޕީ)ގެ މަޖިލިސް މެމްބަރެއް ކަމަށްވާ ރާގަވް ޗައްދާއާ އޭނާ ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތަކެއް އަރާފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އަހަރުތަކެއް ކުރިން ފިލްމެއްގެ ޕްރޮމޯޝަން އިވެންޓެއްގެ ތެރޭގައި ޕަރިނީތީ ބުނީ ސިޔާސީ މީހުންނަކީ އޭނާއަށް ކަމުދާ ބައެއް ނޫން ކަމަށާއި އެ ދާއިރާގައި ރަނގަޅު މީހުން އުޅުނަސް އެއިން މީހަކާ ކައިވެނި ކުރަން ބޭނުންނުވާ ކަމަށެވެ.

އެ އިންޓަވިއުގައި ޕަރިނީތީ ވަނީ އޭނާ ކައިވެނިކުރާ ފިރިހެނެއްގެ ކިބައިގައި ހުންނަ ބޭނުންވާ ސިފަތައް ވެސް ކިޔައިދީފަ އެވެ. އެގޮތުން އެމީހަކީ މަޖާ، އޭނާއަށް އިހުތިރާމްކުރާ އަދި އޭނާ ކުރާހިތްވާ ކަންތައްތައް ކުރާ މީހަކަށް ވާންވާނެ ކަމަށްވެސް ޕަރިނީތީ ބުނެފައިވެ އެވެ.

ޕަރިނީތީއާއި ރާގަވްގެ ގުުޅުމުގެ ވާހަކައަކީ މިހާރު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ. އެގޮތުން ވަރަށް އަވަހަށް އެ ދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މިކަން އެދެމީހުންކުރެ އެއްވެސް މީހަކު ޔަގީން ކޮށްދީފައި ނުވާއިރު ޕަރިނީތީއާއި ރާގަވް ވެސް އުޅެނީ މީޑިއާއަށް ވަރަށް ސިއްރުންނެވެ. އެހެން ނަމަވެސް ދެމީހުން އެކުގައި ބައެއް ތަންތަނުން މީޑިއާއަށް ފެނިފައިވެ އެވެ.