ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ އެވެ.
އެ ކުންފުނިން ބުނީ އެ ރަށުގެ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް އިއްޔެމޮބިލައިޒްކޮށްފައިވާ ކަމަށެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ މެޝިނަރީ އާއި ވެހިކަލްތައް ވަނީ އެ ރަށަށް ގެންގޮސްފަ އެވެ.
ޕްލޭނިން މިނިސްޓްރީން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގެ އެއާޕޯޓް ހެދުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު 10ގައި އެމްޓީސީސީއާ ހަވާލުކުރީ 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު ހުޅުވާލި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ހެދުމާއި ޓާމިނަލް ބިލްޑިން ހެދުން އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރުން ހިމެނެ އެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއްގެ އިތުރުން ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު 11ގެ ކުރިން ނިންމާލާނެ ކަމަށެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އުފަން ރަށުގެ އެއާޕޯޓް އެއާޕޯޓު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފެށި އެވެ. އާބާދީގައި 1،200 އެއްހާ މީހުން ދިރިއުޅޭ ރަށުގައި އެއާޕޯޓު ހެދުމަށް އެރަށުގެ ފަޅުތެރެއިން 19.8 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެ އެވެ.